ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހަރުދަނާކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓާއި، މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގާ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގްސް އޮތޯރިޓީ(އެމްއެފްޑީއޭ) ހިމަނައިފި އެވެ.
”ނެޝަނަލް ޓާސްކްފޯސް އޮން ކޮމްބެޓިންގ އިއްލީގަލް އެކްސްޕެޓް އޮޕަރޭޝަންސް“ އަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުަހަމައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮަތަށް، ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ނުބަލާ އޮތް އޮތުން ނިމުމަކަށް ގެނެސް އެފަދަ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެކުލަވާލި ޓާސްކްފޯސް އެކެވެ. މި ޓާސްފޯސްގައި އެންމެ ކުރިން އެކުލަވާލީ މޯލްޑިވްސް އިމިގްރޭޝަނާއި، މޯލްޑިވްސް ޕޮލިސް ސަރވިސް ހިމެނޭ ގޮތަށެވެ. އިއްޔެ މި ޓާސްކްފޯސް އެކުލަވާލާފައިވާ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ.
ޓާސްކްފޯސްއަށް އަށް ގެނައި ބަދަލު ހާމަކުރުމަށް މިއަދު ހޯމް މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީ އަދި ހެލްތު މިނިސްޓްރީން އެކުވެ ބޭއްވި ޕްރެސް ކޮންފަރެންސްގައި، ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ، ޓާސްކްފޯސްގެ ކޮމްޕޮޒިޝަނަށް އިއްޔެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓާއި، މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގާ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގްސް އޮތޯރިޓީ(އެމްއެފްޑީއޭ) ހިމަނާފައިވާ ކަމަށެވެ.
”ރައީސުލްޖުމްހޫރިއްޔާގެ އިންސްޓްރަކްޝަންއަކީ ގައުމީ ބޮޑު މައްސަލައަށް ހައްލު ހޯދުމަށްޓަކައި އެއް ވުޒާރާ އަނެއް ވުޒާރާ އެއްކޮށް ގުޅިގެން ފަސޭހަކަމާއި އަވަސް ކަމާއެކު ރައްޔިތުންނަށް ދޭން ޖެހޭ ހައްލު ހޯދުމަށްޓަކައި މަސަައްކަތް ރޭވުން. އެގޮތުގެ މަތިން މިގޮތަށް ޓާސްކް ފޯސް އަޅުގަނޑު އެކުލަވާލާފައި ވަނީ،“. އިހްސާން ވިދާޅުވި އެވެ.
އިހްސާން ވިދާޅުވީ، ޓާސްކްފޯސްއަށް މިގެނައި ބަދަލާއެކު މިއަދުން ފެށިގެން އޮޕަރޭޝަންއިން ކުރިޔަށްގެންދާ ރެއިޑްތަކުގައި އެއިދާރާތައް ބައިވެރިވެ،އަޅަންޖެހޭ ޚާއްސަ ފިޔަވަޅުތައް އަޅަމުން ގެންެދާނެކަމަށެވެ. އަދި، ޓާސްކް ފޯސްގެ މަސައްކަތް ހިންގާ ރާވާނީ އެއިދާރާތަކާއި އެކުގައި ކުރެވޭ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ.

ޓާސްކްފޯސްގައި އަލަށް ހިމެނުނު ހެލްތު މިނިސްޓްރީގެ މަސްއޫލިއްޔަތު މިއަދުގެ ޕްރެސްގައި ހެލްތު މިނިސްޓަރ ޑރ. އަބްދުﷲ ޙަލީލް ތަފުސީލުކޮށްދެއްވި އެވެ. ޑރ. ޚަލީލް ވިދާޅުވީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިޔަށް ގެންދިޔަ އޮޕަރޭޝަންތަކުގެ ތެރެއިން، ސިއްހަތައް ނުރައްކާތެރި ކާބޯތަކެތި އުފެއްދުމާއި، އާންމު ސިއްހަތައް ނުރައްކާވާ ކަންތައްތައް އިންތިޒާމުވެފައި ހުރިކަން މައިގަނޑުގޮތެއްގައި ރެއިޑްތަކުގައި ފާހަނގކުރެވިފައިވާތީ، އެކަމަށް ހައްލު ގެނައުމަށާއި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ހެލްތު މިނިސްޓްރީ މިކަމުގައި ޝާމިލުވާގޮތަށް ނިންމީ ކަމަށެވެ. އެގޮތުން ހެލްތު މިނިސްޓްރީގެ މައިގަނޑު ޒިންމާއަކަށް ވާނީ، މި ޓާސްކްފޯސްއިން ބަލަމުންދާ ކަންތައްތަކުގެތެރެއިން، ރައްކާތެރި ކާނާ ރައްޔިތުންނަށް ފޯރުކޮށްދިނުމާއި ގުޅުންހުރި އަދި އާންމު ސިއްހަތައް ނުރައްކާވާގޮތަށް ހުރި ކަންކަން ނައްތާލުމަށްޓަކައި އިދާރާތަކަށް ދޭންޖެހޭ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރުން ކަމަށެވެ.
މިނިސްޓަރު ޚަލީލް ވިދާޅުވީ، މާދަމާ އެމްއެފްޑީއޭއިން އަމަލުކުރަން ފަށާ ކާބޯތަކެތި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެ އިދާރާއަށް ބާރުތަކެއް ލިބޭނެކަމަށާއި، އަދި އެޗްޕީއޭއިން އަމަލުކުރަމުންދާ އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބަލަައި ފިޔަވަޅު އަޅަމުން ގެންދާނެކަމަށެވެ. އެ ފިޔަވަޅު ތަކުގެ ތެރޭގައި ޓާސްކްފޯސް އިން ރެއިޑް ކުރާ ގާނޫނާ ޚިލާފަށް ހިންގާ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކުރުން މަނާކޮށް ބަންދުކުރުން ފަދަ ކަންކަންކުރާނެކަމަށެވެ.

ޓާސްކްފޯސްގައި އަލަށް ހިމެނުނު އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ޕްރެސްގައި ބައިވެރިވަޑައިގެންނެވި ރެޖިސްޓްރަރ އޮފް ކޮމްޕެނީސް މަރިޔަމް ވިޝާމް ވިދާޅުވީ، ޓާސްކްފޯސް އިން ކުރިޔަށް ގެންދިޔަ ރެއިޑްތަކުގައި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނާ ޚިލާފް ތަންތަން ފާހަގަކުރެވޭ ކަމަށާއި، އެހެންކަމުން އެމިނިސްޓްރީގެ އަމާޒަކަށްވާނީ ކުރިޔަށް އޮތް ތާނގައި ޓާސްކްފޯސްއާ ގުޅިގެން ބަލާފާސްކުރާ ތަންތަނުގެ ތެރެއިން ރަޖިސްޓްރީނުކޮށް ކުރާ ވިޔަފާޜީގެ އެއްވެސް މުއާމަލާތެއް ހިންގާ ތަނެއް ހުރިނަމަ އެތަނަކަށް ފިޔަވަޅު އެޅުން ކަމަށެވެ. އަދި، އެތަންތަނުގައު ކުރާ ވިޔަފާރި ނޫނީ މަސައްކަތް ހުއްޓުވާނެކަމަށްވެސް ވިސާމް ވިދާޅުވި އެވެ.



