މާލޭ އާ ސަހަރާގެ މަަސައްްކަތް އަންނަ ސެޕްޓެމްބަރުމަހަށް ނިންމާލެވޭނެކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މާލޭގެ އާސަހަރާ މަސައްކަތް ކުރިޔަށްދާގޮތް ބައްލައްވައި، ސަހަރާގެ ފޮޓޮއާއެކު އެކްސްގައި ކުރި ޕޯސްޓެއްގައި އާޒިމް ވިދާޅުވެފައިވަނީ، އަސަހަރާގެ މިސްކިތުގެ މަސައްކަތް ނިމޭއިރު 3,200 އަކަފޫޓު މިސްކިތަށް އިތުރު ކުރެވޭނެކަމަށެވެ. އަދި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ފާހަނާއަކާއި, އަންހެން ބޭފުޅުންނަށް ހާއްސަ ފާހާނައަކާއި، ވުލޫކުރާބަޔެއް ނަމާދު ކުރާ ބައެއްގެ އިތުރުން، ޖަނާޒާތަކުގައި ބައިވެރިވާ މީހުން މަޑުކޮށްލެވޭނެ، ހާއްސަ ސަރަހައްދެއްވެސް ތަރައްގީ ކުރެވޭނެކަމަށެވެ.
”އާސަހަރާގެ މަސައްކަތް ސެޕްޓެންބަރު ތެރޭ ﷲ ގެ ހެޔޮރަހުމަތުން ނިންމާލެވޭނެ.“ އާޒިމް ވިދާޅުވެފައި ވެއެވެ.
އާ ސަހަރާގެ ނުނިމި ހުރިހައި މަސައްކަތެއް ދެ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ޝަރުޠުކޮށް، މާލެ ސިޓީ ކައުންސިލުން ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކުރީ މީގެ ތިންމަސްކުރިންނެވެ. އާ ސަހަރާގެ ފިނިޝިން މަސައްކަތްތައް އެއްކޮށް ނިންމުމަށް ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކުރީ 2.7 މިލިއަން ރުފިޔާއަށެވެ.
އާސަހަރާ ގެ މަސައްކަތްކުރިޔަށް ގެންދަން ބަންދުކޮށްފައިވާތީ ކަށުކަމާކެމީގެ ކަންތައް ހުއްޓާލައި، މިހާރު މާލޭގައި ނިޔާވާ މީހުން ވަޅުލަމުންދަނީ ހުޅުމާލެ ސަހަރާގައެވެ.
އާސަހަރާ ތަރައްގީ ކުރުމަށް މާލެ ސިޓީ ކައުންސިލުން ބަޖެޓްކޮށްފައިވަނީ 4.9 މިލިއަން ރުފިޔާ އެވެ.




