ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްޤީކުރާ ސްމާޓް ކްލާސްތައް މަޖީދިއްޔާ ސްކޫލުގައި ޤާއިމުކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ އޮތް މަޖީދިއްޔާ ސްކޫލުގެ ”ސައްތަވީ ބިނާ“ އިފުތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، މިއަންނަ އަހަރު ކުރިއަށްގެންދިއުމަށް ނިންމާފައިވާ ސްކޫލް މަޝްރޫޢުތަކުގެ ތެރޭގައި މަޖީދިއްޔާ ސްކޫލުގެ އިތުރު 40 ކްލާސް ރޫމްގެ އިމާރާތެއް ކުރިން ދަރުމަވަންތަ ސްކޫލް ހުރިތަނުގައި އެޅުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވި އެވެ. އަދި، އޭގެތެރެއިން ބައެއް ކްލާސްތައް ވާނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމުކުރާ ސްމާޓް ކުލާސްތަކުގެ ގޮތުގައިކަމުގައި ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަޖީދިއްޔާ ސްކޫލުގެ އިސްދަރިވަރުންގެ ފަޚުރެއްކަމުގައިވާ ދާރުލް އުލޫމާއި ކުރިބޯށި އިމާރާތް ނެޝަނަލް އެޑިއުކޭޝަން މިއުޒިއަމެއްގެ ގޮތުގައި ތަރައްޤީކުރުމަށްވެސް ނިންމާފައިވާކަމުގަ އެވެ. އަދި އެކަމުގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކަށް ރާއްޖޭގޭ ތާރީހީ ތަޢުލީމީ ހަޔާތުގެ މަޢުލޫމާތު ފޯރުކޮށްދެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހަޔާތުގައި ކުރާ ކޮންމެ ކަމެއްގައިވެސް ކާމިޔާބީއާ ހަމައަށް ދިއުމަށް ހިންމަތާއެކު ނުގުޑާފަދަ ވަރުގަދަ އަޒުމެއްގައި މަސައްކަތްކުރެއްވުމަށް ބާރުއަޅުއްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ الله ސުބްޙާނަހޫވަތަޢާލާ އަންގަވާފައިވާގޮތަށް އެމީހަކަށް ކުޅަދާނަވެގެންވާ މިންވަރަކުން ހިއްމަތާއެކު މަސައްކަތްކޮށް ކާމިޔާބީ ދެއްވުން އެދި ވަކީލުކުރުމަށްވެސް ބާރުއަޅުއްވާފަ އެވެ. އަދި ދިރިއުޅުމުގައި ކުރުމަށް ކަނޑައަޅާ ކަންކަމުގައި ފަހަތަށް ނުޖެހި ކުރިމަތިވާ ދަތި އުނދަގޫ ހާލަތްތަކަށްވެސް ކުރިމަތިލައިގެން ކާމިޔާބީ ހާސިލުކުރުމަށް މަސައްކަތްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުލީމީ ހަޔާތުގެ މުހިންމު ކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ތަޢުލީމީ ދުވަސްވަރުގެ ހަޤީޤީ ބޭނުމަކީ ޤައުމަށް ޚިދުމަތްތަކެއް ކުރުމަށާއި އަމިއްލަ ހަޔާތް ބިނާކުރުމާއި މުޖުތަމަޢަށް ފައިދާހުރި ކަންތައްތަކެއް ކޮށްދިނުމަށްޓަކައި ތަޢުލީމު ހާސިލްކޮށް ތަމްރީނުވެގެން ނުކުތުންކަމުގަ އެވެ. އަދި އެމަނިކުފާނު ވިދާޅުވީ ކިޔެވުމުގެ އަދި ކިޔަވައިދިނުމުގެ ބޭނުމަކީ ތިމާގެ ފަރާތުން ޤައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ވިސްނައި ފިކުރުކޮށް އެކަމެއް ކޮށްދިނުމަށް ތައްޔާރުވުން ކަމުގަ އެވެ.
މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖީދިއްޔާ ސްކޫލުގެ ދާރުލް އުލޫމް ހޯލުގައި ކުރިއަށްދިޔަ ފޮޓޯ މައުރަޒު ބައްލަވާލައްވާފަ އެވެ.
މަޖީދިއްޔާ ސްކޫލަކީ ދިވެހިރާއްޖޭގައި ހުރި އެންމެ ދުވަސްވީ ތައުލީމީ ބިނާއެވެ. މަޖީދީ ”ސައްތަވީ ބިނާ“ ރަމްޒުކޮށްދެނީ މަޖީދިއްޔާ ސްކޫލްގެ ޢިލްމީ ހިޔާވައްސެވެ. މި ސައްތަވީ ބިނާ އުފަންކުރުމުގެ އެންމެހާ މަސައްކަތެއް ކުރި ބަޔަކީ މަޖީދިއްޔާ ސްކޫލުގެ ކުރީގެ ދަރިވަރުންނެވެ.



