މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަންތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، ލ. އިސްދޫގައި ހިންގި އޮޕަރޭޝަނެއްގައި ލ. މާބައިދޫ / މާފޮޅޭގެ، މުޙައްމަދު އަފްރާޒް (28އ) ހައްޔަރުކޮށްފައިވާކަމަށާއި، ކޯޓު އަމަުރެއްގެ ދަށުން އޭނާ 15 ދުވަހަށް ބަންދުކޮށްފައިވާކަމަށެވެ.
“ އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 236.3 ގްރާމް. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވޭ.“ ފުލުހުން ބުންޏެވެ.
އޭގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލައެއްގައި، ގއ. ވިލިނގިލި / ފުނަމާގެ، އަޙްމަދު ރިޝާޙް (34) ހައްޔަރުކޮށް، ކޯޓު އަމުރެއްގެ ދަށުން 15 ދުވަހަށް ވަނީ ބަންދުކޮށްފަ އެވެ. ފުލުހުން އޭނާ ހައްޔަރުކުރީ،މި މަހުގެ 22 ވަނަ ދުވަހު ވިލިނގިލި މަގުމަތިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނުމާއި ގުޅިގެންނެވެ.
އަދި ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގއ. ވިލިނގިލީގައި މި އޮގަސްޓު މަހުގެ 23 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އެ ރަށު ފަޅު ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމުހުސްކުރި ދަޅެއް ވަނީ ފެނިފަ އެވެ. އެހެންނަމަވެސް މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި ތިން މައްސަލަވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



