“ނެޝަނަލް ޓާސްކްފޯސް އޮން ކޮމްބެޓިންގ އިއްލީގަލް އެކްސްޕެޓް އޮޕަރޭޝަންސް” އިން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގައި ހުޅުމާލޭ ފޭސް-2 ގައި ހިންގަމުން އަންނަ 6 ކެފޭއަކަށް ބަންދު ނޯޓިސް ދީފި އެވެ.
އިމިގްރޭޝަނުން ބުނީ، މިތަންތަނަށް ބަންދު ނޯޓިސް ދިނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިމަހުގެ 22 ވަނަ ދުވަހު ހުޅުމާލެ ފޭސް 2 ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެ އޮޕަރޭޝަނުަގއި ހުޅުމާލޭ ފޭސް 2 ގައި ހިންގަމުން އަންނަ 08 ކެފޭއެއް ބަލައި، އޭގެތެރެއިން ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސާފުތާހިރުކަމުގެ މިންގަނޑާއި ޚިލާފަށް ހިންގަމުންދިޔަ 6 ތަނެއް ބަންދުކުރުމަށް ނޯޓިސްދީފައި ވާކަމަށެވެ.
މި ފިޔަވަޅު އެހާ އަވަހަށް އެޅިފައި މިވަނީ، ޓާސްކްފޯސްއާ އަލަށް ގުޅުނު ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި އިކޮނޮމިކް ޑެވެލޮޕްމެންޓްގެ ބޭފުޅުންވެސް މި އޮޕަރޭޝަންގައި ބައިވެރިވަޑައިގެންފައިވާތީ އެވެ. މިތަންތަނަށް ފިޔަވަޅު އަޅާފައި މިވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުންނެވެ. މީގެ ކުރިން ޓާސްކްފޯސް އޮޕަރޭޝަން ކުރިޔަށް ގެންދާއިރު، މިފަދަ ތަންތަން ރެއިޑްކުރުމަށްފަހު އެއިދާރާތަކުގެ ސަމާލު ކަމަށް ގެންނަނީއެވެ. ނަމަވެސް ޓާސްކްފޯސްގެ ކޮމްޕޮޒިޝަނަށް މި ގެނައި ބަދަލާއެކު އެއިދާރާތަކުން ސީދާ ބައިވެރިވުމުން ގާނޫތަކުން ލިބިދީފައިވާ ބާރުތަކާއެކު ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމުގެ ފުރުސަތު މިވަނީ ފަހިވެފައެވެ.
އިކޮނޮމިކް މިނިސްޓްރީން އަލަށް ޓާސްކްފޯސްގައި ބައިވެރިވެފައިވާއިރު، އެ މިނިސްޓްރީގެ ބޭފުޅުން ބަލަމުންދާނީ ވިޔަފާރި ހުއްދަނެތި ވިޔަފާރި ކުރުމާއި، ދީފައިވާ ހުއްދައިގެ ބޭރުން ވިޔަފާރި ކުރޭތޯއެވެ. މިނިސްޓްރީން އަމަލުކުރަމުންދާ ގާނޫނުތަކާއި ޚިލާފަށް ވިޔަފާރި ހަރަކާތްތައް ހިންގާ ތަންތަން ޓާސްކްފޯސް ރެއިޑްތަކުގެތެރެއިން ހުއްޓުވާނެކަމަށާއި، އަލުން ވިޔަފާރި ކުރެވޭނީ މިނިސްޓްރީން އަންގާ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
އަލަށް ޓާސްކްފޯސްއާ ގުޅުނު އިދާރާތަކުން ގާނޫނީ ފިޔަވަޅު ކެފޭތަކަށް އަލާފައިވާއިރު، އިމިގްރޭޝަނުން ވަނީ، އިމިގްރޭޝަނަށް ލިބިދޭ ބާރުގެ ދަށުން، ބަލައި ފާސްކުރި ކެފޭތަކުގައި ސައްހަ ވިސާއެއް ނެތި މަސައްކަތް ކުރަމުންދިއަ 04 ބިދޭސީއެއް އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ، ގާނޫނާ ޚިލާފަށް ރާއްޖޭގައި އުޅުމުގެ ހުއްދަ އެއްވެސް ބިދޭސީއަކަށް ނުދޭނެކަމަށާއި، ގާނޫނުތައް މުގުރާލުމުގެ ފުރުސަތުވެސް ނުދޭނެކަމަށެވެ. އަދި، މި އޮޕަރޭޝަންތަކުގައި ހައްޔަރުކުރާ މީހުން ރާއްޖޭގައި އުޅުމުގެ ފުރުސަތު އިތުރަށް ނުދީ ޑީޕޯޓްކޮށްލާނެކަމުގެ ޔަގީންކަންވެސް އިމިގްރޭޝަނުން ދީފައި ވެއެވެ.



