ނުތާހިރުކޮށް ކާނާ ތައްޔާރު ކުރަމުންދިޔަ ތަނެއްގެ ވިޔަފާރި ހުއްޓުވައި 15 ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް އެއްވެސް ސާފުތާހިރުކަމެއް ނެތި، ބިދޭސީން ރާއްޖޭގައި ކުރަމުންދާ ވިޔަފާރިއަކާ ގުޅިގެން ޓާސްކު ފޯސް އަށް ލިބުނު މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް މިމަހުގެ 24 ވަނަ ދުވަހު މާލެ ސިޓީ، ހ.ބިއަންކާ ބަލައި ފާސްކޮށްފައިވާކަމަށެވެ. މި އޮޕަރޭޝަނުގައި، އެ ތަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 15 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ، ފުލުހުންނާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބައިވެރިވިކަމަށެވެ. އަދި އެ އިދާރާތަކުން އެ ތަން އިންސްޕެކްޓް ކުރުމަށްފަހު، ގާނޫނާ ގަވާއިދަށް ނުފެތޭތީ، އެތަނުގައި ކުރަމުން ދިއަ ވިޔަފާރި ހުއްޓުވުމަށް ނޯޓިސް ދީފައިވާކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
މިމަހުގެ 22 ވަނަ ދުވަހުވެސް ޓާސްކްފޯސް އިން ހިންގި އޮޕަރޭޝަނެއްގައި، ހުޅުމާލޭ ފޭސް 2 ގައި ހިންގަމުން އަންނަ 08 ކެފޭއެއް ބަލައި، އޭގެތެރެއިން ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސާފުތާހިރުކަމުގެ މިންގަނޑާއި ޚިލާފަށް ހިންގަމުންދިޔަ 6 ތަނެއް ބަންދުކުރުމަށް ނޯޓިސްދީފައި ވެއެވެ. އަދި، ފާސްކުރި ކެފޭތަކުގައި ސައްހަ ވިސާއެއް ނެތި މަސައްކަތް ކުރަމުންދިއަ 04 ބިދޭސީއެއް އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ.




