ބައިނަލްއަޤުވާމީ ސަބްމެރިން ކޭބަލް ސިސްޓަމް މަޝްރޫޢު އިތުރު ބަދަލެއް ނުގެނެސް ކުރިޔަށް ގެންދާގޮތަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ އެ މަޝްރޫއު އިތުރަށް ކުރިޔަށް ގެންދާނެ ގޮތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގަ އެވެ. އެގޮތުން ވަޒީރުންގެ މަޖިލީހުން ނިންމަވާފައި ވަނީ މި މަޝްރޫޢަށް އިތުރަށް ބޭނުންވާ ލޯނު ފައިސާ ހަމަޖެއްސުމަށްޓަކައި އިކުއިޓީއަށް ދައްކަންޖެހޭ 2.92 މިލިޔަން ޑޮލަރު ސަރުކާރުން ފައިނޭންސްކޮށް، ލޯނުގެ ފައިސާ މި މަސައްކަތަށް އިންވެސްޓްކޮށް، ކުރިއަށް ގެންގޮސް ނިންމެވުމަށެވެ.
ބައިނަލްއަޤުވާމީ ސަބްމެރިން ކޭބަލް ސިސްޓަމް މަޝްރޫޢަކީ، ދިވެހި ދައުލަތުގެ ސައްތައިންސައްތަ ހިއްސާވާ ކުންފުންޏެއް ކަމުގައިވާ، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ އޯޝަން ކަނެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ކުރިޔަށްގެންދާ މަޝްރޫއެކެވެ.




