ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ދަފްތަރުކޮށް ރަޖިސްޓްރީކުރުމާއި ގުޅޭ އެންމެހައި ކަންކަން އަލަށް އުފެއްދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތީރިޓީ(އެމްއެފްޑީއޭ)ގެ ބެލުމުގެ ދަށަށް ބަދަލުކޮށްފި އެވެ.
އަލަށް އަމަލުކުރަން ފެށި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ގާއިމުކުރީ މިމަހުގެ 23 ވަނަ ދުވަހުއެވެ. އެގާނޫނުގައި ވާ ކަންކަން ތަންފީޒްކުރަމުންދާނީ އެ އިދާރާއިންނެވެ. އެހެންކަމުން އެމްއެފްޑީއޭއިން މިހާރު ދަނީ އެކަންކަމަށް ތައްޔާޜުވަމުންނެވެ.
އެމްއެފްޑީއޭއިން ބުނީ، އާންމު ކާބޯތަކެތި ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެއޮތޯރިޓީގައި ނުވަތަ ދައުލަތުގެ އެހެން އިދާރާއެއްގައި ރަޖިސްޓްރީކޮށްފައިވާ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި، ފަރާތްތަތަކަށް ދޫކޮށްފައިވާ ލައިސަންސްތަކުގެ މުއްދަތު 23 ނޮވެންބަރު 2024 އާ ހަމަޔަށް އިތުރުކޮށްފައިވާކަމަށެވެ. އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ތެރެއިން އަލަށް ލައިސަންސް ހޯދުމަށް ހުށަހަޅާ ހޮޓާ،ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަނުން ޚިދުމަތަށް އެދި ހުށަހަޅާނީ ވަން.ގަވް މެދުވެރިކޮށް ކަމަށެވެ.
މީގެ އިތުރުން، ކާބޯތަކެއްޗާއި ބޯފެން އުފައްދާ ކާރުޚާނާތައް ރަސްޖިސްޓްރީ ކުރުމާއި، އާމްދަނީ ހޯދުމަށް ގޭގައި ކާބޯތަކެތިކުރާ ފަރާތްތައް ދަފްތަރުކުރުން ކުރިޔަށްގެންދާނީ އެއޮތޯރިޓީގެ އޮންލައިން ޕޯޓަލް ”ދިރިތި“ މެދުވެރިކޮށްކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އެމްއެފްޑީއޭއަށް ބޮޑެތި ބާރުތަކެއް ލިބިގެންވެއެވެ. އޭގެތެރޭގައި ފިހާރަތަކުގައި ކާބޯތަކެތި ބެހެއްޓޭނެ މިންގަނޑުތައް ކަނޑައަޅައި، އެއާ އެއްގޮތަށް އަމަލު ކުރަމުންދޭތޯ ބެލުމާއި، ކުރިން އެންގުމަކާއި ނުލައި، ގެތަކާއި ތަންތަނަށް ގޮސް ކާއެއްޗެހި ތައްޔާރު ކުރާގޮތް މޮނިޓަރ ކުރުމުގެ ބާރު ހިމެނެއެވެ. އަދި ގާނޫނާއި ޚިލާފުވާ ފަރާތްތަކާއި ތަންތަން ޖޫރިމަނާކޮށް، ލައިސެންސް ހިފަހައްޓައި، އަދި އެ ތަންތަނުގެ މައުލޫމާތު އާންމު ކުރުމުގެ އިޚްތިޔާރު ވެސް އެމްއެފްޑީއޭއަށް ލިބިގެންވެއެވެ.



