ދިވެހި ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މި ސަރުކާރަށް މިވީ ނުވަ މަސް ތެރޭގައި 3،000އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފި އެވެ.
މޯލްޑިވްސް އިމިގްރޭޝަން އިން މިއަދު ބުނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ17 ވަނަ ދުވަހުން ފެށިފެން މިމަހުގެ25 ވަނަ ދުވަހާ ހަމަޔަށް ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދުމަށް 257 ތަނެއް ބަލާ ފާސްކޮށްފައިވާކަމަށެވެ. އަދި މި ރެއިޑްތަކުގައި ހައްޔަރުކުރި މީހުންނާއި އެކި މައްސަލަ ތަކުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންގެ ތެރެއިން މި މުއްދަތުގެ ތެރޭގައި، 3،322 މީހުން ޑީޕޯޓްކޮށްލާފައިވާ ކަމަށެވެ. މީގެތެރޭގައި ދީފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރަމުން އައި މީހުންނާއި، ވިސާ ނުވަތަ ވޯކްޕާމިޓް ނެތި ވިޔަފާރި ކުރަމުން އައި މީހުންނާއި، ގަވާއިދާ ޚިލާފަށް އެކި ވިޔަފާރިތަކުގައި ޝާމިލުވަމުން އައި މީހުން ހިމެނެއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ މި ސަރުކާރުން ދަނީ މިކަން ހައްލުކުރުމަށް ހަރުދަނާ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން މިވަގުތު ރާއްޖޭގައި ތިބި ބިދޭސީން، ވަށާޖެހޭ ހައްލެއް ގެނައުމަށްޓަކައި ރާއްޖޭގައި މިވަގުތު ތިބި ބިދޭސީން ގަވާއިދަށް ފެއްތުމަށްދަނީ މަސައްކަތް ކުރަމުންނެވެ. ކުރަނގި އޮޕަރޭޝަނަކީ މީގެތެރެއިން ކުރިޔަށްގެންދާ އެއް މަސައްކަތެވެ.
ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުގެ އެކި މުއައްސަސާތައް ގުޅިގެންވަނީ ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ. މީގެ ދަށުން މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން އަންނަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދާ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. މި އޮޕަރޭޝަންތަކުގައި ހައްޔަރުކުރާ ބިދޭސީންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ފިޔަވަޅު އަޅަމުންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
މީގެއިތުރުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ލައްވާ މަސައްކަތް ކުރުވުމަކީވެސް ޤާނޫނީ ކުށެއް ކަމަށާއި، އެފަދަ މަސައްކަތްކުރުވާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދުވަނީ މީގެކުރިން ދެއްވާފަ އެވެ.


