ޖުލައި މަހުގެ 31 ވަނަ ދުވަހު، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި، ހިމެނޭ ކާރު ދުއްވަން އިން، އިބްރާހިމް އިކްރާމު ކޯޓު އަމުރެއްގެ ހައްޔަރުކޮށްފި އެވެ.
އޯގަސްޓް މަހުގެ 1 ވަނަ ދުވަހު ފުލުހުން އޭނާ ހައްޔަރުކުރީ، އެ އެކްސިޑެންޓަށްފަހު ފިލި ކަމަށް ތުހުމަތުކޮށްނެވެ. އޭރު ޝަރީއަތް ނިމެންދެން އޭނާ ހައްޔަރުގައި ބެހެއްޓުމަށް ކޯޓުން އަމުރެއް ނެރެދިނެވެ. އިކްރާމް ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފްކުރުމުން، ހައިކޯޓުން އިއްޔެ އިކްރާމް މިނިވަން ކުރީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން އަމުރު ކޮށްފައިވަނީ، އެކަން ކުރަން އޮންނަ އިޖުރާއަތުތަކާ ހިލާފަށް ކަމަށް ކަނޑައެޅުމަށް ފަހުގަ އެވެ.
އިކްރާމް މިނިވަންވެގެން ދިޔައީ ފުލުހުންގެ އިހުމާލު އެކަމުގައި އޮތް ކަމަށް ބުނެ ކަމަށްވާތީ، އޭނާ އަލުން ހައްޔަރު ކުރަން މަސައްކަތް ކުރަމުންދާކަމަށް ހޯމް މިނސްޓަރު އަލީ އިހުސާން ރޭ ވިދާޅުވި އެވެ.
”މިކަން ހިނގިގޮތް ތަހުގީގުކޮށް އިހުމާލެއް ވެފައިވާނަމަ އެމީހަކަށް ނުވަތަ ބަޔަކަށް އެންެމެ ހަރުކަށި ފިޔަވަޅު އެޅޭނެ. ދޫކޮށްލި މީހާ ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކުރުމަށް ފުލުހުން ދަނީ މަސައްކަތްކުރަމުން.“ ރޭ އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރު އެ ވިދާޅުވި ގޮތަށް ރޭ ކޯޓު އަމުރެއްގެ ދަށުން އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ. އެކަން މިނިސްޓަރު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. އެހެންނަމަވެސް އެކަމުގެ އިތުރު ތަފުސީލެއް މިނިސްޓަރު ނުދެއްވައެވެ.
ޖުލައި މަހުގެ 31 ވަނަ ދުވަހު މި އެކްސިޑެންޓް ހިނގީ އިކްރާމް ދުއްވަމުން ދިޔަ ކާރު ކޮންޓްރޯލުން ނެއްޓިގެންނެވެ. ބާރު ސްޕީޑްގައި އޭނާ ދުއްވަމުން ދިޔަ ކާރު ކޮންޓްރޯލް ނުވެ ގޮސް ހުޅުމާލެ ފޭސް-2 ވިނަރެސް ކައިރީ ޕާކްކޮށްފައި އިން ސައިކަލެއްގައި ޖެހި، ސައިކަލު މަތީ އިން މީހާ ވިއްސައިގެން ގޮސްވަނީ އޭނާއަށް ބޮޑެތި އަނިޔާތަކެއް ވެފައި ވެއެވެ.
މި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން އިކްރާމްއާއި އެކު އެވަގުތު ކާރުގައި ތިބި އަނެއް ދެމީހުންވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.




