އިޤްތިޞާދީ ހާލަތު ރަގަޅުވަންދެން ރައީސްގެ މުސާރައިން 50 އިންސައްތަ އުނިކުރަން ނިންމެވި ނިންމެވުމަކީ ރައީސްގެ އިޚްލާސްތެރި ނިޔަތް އޮތްކަށް ރަމްޒުކޮށްދޭ އަލިގަދަ ހެއްކެތް ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ޤައުމުގެ އިޤްތިޞާދީ ހާލަތު ރަގަޅުވަންދެން ރައީސްގެ މުސާރައިން 50 އިންސައްތަ ނުނަންގަވަން ނިންމެވި ނިންމެވުމަކީ ޤައުމު ހަމަމަގަށް އެޅުއްވުމަށް ރައީސްގެ އިޚްލާސްތެރި ނިޔަތް އޮތްކަށް ރަމްޒުކޮށްދޭ އަލިގަދަ ހެއްކެތް ކަމަށެވެ.
މެންބަރު އިތުރަށް ވިދާޅުވީ މިބަދަލު ގެނައުމަށް ޤާނޫނަކަށް ގެންނަންޖެހޭ އެއްވެސް އިސްލާހެތް ވާނަމަ،އެ އިސްލާހަކަށް، ފުރިހަމަ ތާޢީދު އޮންނާނެ ކަމަށެވެ.
ދިވެހީންނަށް ހަޤީޤީ ދިވެހީންގެ ރާއްޖެ ރައީސް ޑރ. މުޢިއްޒު އާއެކު ހޯދޭނެ ކަމަށް ވިދާޅުވެ ޝުޖާއު ވަނީ ރައީސްގެ ނިންމެވުމަށް ވަރަށް ބޮޑަށް މަރުޚަބާ ދަންނަވާފައެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ކުރައްވާ މަސައްކަތްޕުޅުގެ ދަށުން އެ މަނިކުފާނުގެ މުސާރައިން 50 އިންސައްތަ ނުނެގުމަށް އެމަނިކުފާނު ނިންމަވާފައިވާކަމަށް ވިދާޅުވެފައެވެ.
އެމަނިކުފާނުގެ މުސާރައިން 50 އިންސައްތަ އުނިކުރުމުގެ އިތުރުން ރައީސް ވަނީ ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ އިސްވެރިންނާއި ކުންފުނިތަކުގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ފަނޑިޔާރުން ވެސް ހިމެނޭ ގޮތަށް، މުސާރައިން 10 ޕަސެންޓް، ދެ އަހަރު ދުވަހުގެ މުއްދަތަށް އުނިކުރަން ހުށަހަޅަން ނިންމަވައިފައެވެ.



