އުފެއްދުންތެރި އަދި ދެމެހެއްޓެނިވި މެނޭޖްމަންޓް އުސޫލުތައް ތަޢާރަފުކުރުމަށް އިތުރު ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްތައް މުހިއްމުކަމަށް ނައިބު ރައީސް ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަމޯއާގައި ކުރިއަށްދާ ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން (ޗޮގަމް) ގެ ބިޒްނަސް ފޯރަމްގައި ބޭއްވި ”ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވްގެ ސީ.އީ.އޯ-ލީޑަރ“ އިވެންޓްގައި ވާހަކަދައްކަވަމުންނެވެ.
ގުދުރަތީ ޙައްލުތަކާއި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް (ޕީ.ޕީ.ޕީ) ތަކާބެހޭ މަޝްވަރާ ބައްދަލުވުމުގައި އަމިއްލަ ވިޔަފާރިތަކުގެ ދައުރު ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްކަން ދެއްވާ މިންވަރު ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތަކާ ގުޅޭ ގޮތުން ވަކާލާތުކުރުމަކީ އަބަދުވެސް ދިވެހިރާއްޖޭގެ އެޖެންޑާގައި ވަރަށް މަތީ ދަރަޖައެއްގައި ހިމެނިފައިވާ ކަމެއް ކަމަށެވެ.
މިބައްދަލުވުމުގައި އެމަނިކުފާނު ވަނީ ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްތަކުން އަމިއްލަ ވިޔަފާރިތަކުން މާލީ ވަސީލަތްތަކާއި ޓެކްނިކަލް ތަޖުރިބާ ހޯދައި، ސަރުކާރުގެ މަސައްކަތްތަކަށް އެހީތެރިވެދޭނެކަން ފާހަގަކުރައްވާފައެވެ.
މި އިވެންޓުގައި، އެމަނިކުފާނު ވަނީ ކޮމަންވެލްތުގެ އިސްވެރިޔާ، އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިން ވަނަ އާއި ވެސް ބައްދަލުކުރައްވާފައެވެ.
މިއިވެންޓަކީ ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވްއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންގޮސްފައިވާ އިވެންޓެކެވެ. ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް އަކީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިން ވަނަ ޕްރިންސް އޮފް ވޭލްސްގެ މަޤާމުގައި ހުންނެވިއިރު އުފައްދަވާފައިވާ އިނީޝިއޭޓިވްއެކެވެ.




