މިދިޔަ ޖުލައި މަހު މާލޭގެ ގެއަކަށް މީހަކު ވައްދައި ބަރަހަނާކޮށް ފޭރުނު މައްސަލައިގައި ހައްޔަރުކުރި ޝަފީގު އިބްރާހިމް އަނެއްކާ ވެސް ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
ޝަފީގު އިބްރާހީމް މިފަހަރު ހައްޔަރުކޮށްފައިވާއިރު، މީހަކަށް ބަރަހަނާކޮށްގެން ފޭރުނު މައްސަލައިގައި ޕީޖީ އޮފީހުން ވަނީ އޭނާގެ މައްޗަށް ދައުވާވެސް ކޮށްފައެވެ.
މިމައްސަލަ އާއި ގުޅިގެން ޝަފީގުގެ ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށްފަހު ކްރިމިނަލް ކޯޓުން ނެރެފައިވާ ބަންދު އަމުރުން ހާމަވާ ގޮތުގައި މިފަހަރު ވެސް އޭނާ ހައްޔަރުކޮށްފައި ވަނީ މީހަކު ގެއަކަށް ވައްދައި ބަރަހަނާކޮށް، ފޭރުނު މައްސަލައެއްގައެވެ.
ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި ޝަފީގު ވަނީ މއ. ރަޝްމާވިލާ ގެއަށް ބިދޭސީއަކު ގަދަކަމުން ވައްދައި އޭނަގެ އަތާއި ފައި ބަނދެ ބަރަހަނާކޮށް ކަރުގައި ވަޅި ޖައްސައިގެން، އެ މީހާގެ އަތުން 10،600ރ. ރުފިޔާ ފޭރިގެންފައެވެ.
މިކަން ކުރުމުގައި ޝަފީގާއި އެކު އިތުރު މީހަކު ވެސް ޝާމިލުވާކަމަށް ބަންދު އަމުރުގައި ބުނެފައިވެއެވެ. އެހެންނަމަވެސް އަދި މިމައްސަލަ އާއި ގުޅިގެން ފުލުހުން އިތުރު މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
އެހެންކަމުން ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތަށް އޭނާ ބަންދު ކުރުމަށް އަމުރު ކޮށްފައެވެ.
ޝަފީގަކީ ޖުލައި މަހުގެ ތެރޭގައި މއ. މަސްފަން ގެއަށް އެ ގޭގެ ބޮއްކެއް ބަދަލުކޮށް ދޭން އެހީވުމަށް އެދި އައިޝަތު ކިޔާ މީހަކު ދިވެހި ފިރިހެނަކު ގެއަށް ވައްދައި ވަޅިން ބިރު ދައްކައި، އޮރިޔާން ކުރުމަށްފަހު، ބޭންކު އެކައުންޓުން ފައިސާ ޓްރާންސްފަ ކުރުވި މީހުންގެ ތެރޭގައި ހިމެނޭ ދެ ފިރިހެނުންގެ ތެރެއިން އެކަކެވެ.



