ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކ.ގުރައިދޫގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް 39 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ ގަވާއިދާއި ޚިލާފަށް ރާއްޖޭގެ އެކި އަތޮޅުތަކުގައި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް 2024 އޮކްޓޯބަރު 20 ވަނަ ދުވަހު ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.
އެގޮތުން ކ. ގުރައިދޫގައި މިއޮޕަރޭޝަން އެންމެ ފުރަތަމަ ކުރިއަށް ގެންގޮސްފައިވާއިރު، އިމިގްރޭޝަންގެ 20 އޮފިސަރުންނާއި ފުލުހުންގެ 9 އޮފިސަރުންގެ އިތުރުން ގުރައިދޫ ކައުންސިލުން ވެސް ވަނީ ހަރަކާތްތެރިވެފައެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތިގައި ގުރައިދޫގައި އޮޕަރޭޝަން ހިންގީ މިދިޔަ ބުރާސްފަތި ދުވަހު ގުރައިދޫގައި ހިނގި އޮޕަރޭޝަންގެ ތެރެއިން 42 ތަނެއް ބަލައި ފާސްކޮށް، 106 ބިދޭސީއަކު ވަނީ ޗެކްކޮށްފައެވެ. އަދި ވިސާ ފުރިހަމަ ނޫން 11 ބިދޭސީންނަށް އިމިގްރޭޝަނަށް ހާޒިރުވުމަށް ލިޔުމުން ދީ، ގަވައިދާ ހިލާފް ބިދޭސީންނަށް ވަޒީފާ ދީގެން އުޅުނު ފަސް ދިވެއްސަކަށް ލިޔުމުން ނަސޭހަތް ދީފައިވާނެ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 39 ބިދޭސީންގެ ތެރޭގައި ބަނގްލަދޭޝް، ސްރީ ލަންކާ، ނޭޕާލް އަދި އިންޑިއާ މީހުންގެ އިތުރުން ނައިޖީރިއާގެ މީހެއް ވެސް ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި އެތަނުން ބުނި ގޮތުގައި މިއީ ދީފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.
މިހަރަކާތުގައި އިމިގްރޭޗަންގެ ކޮންޓްރޯލަ ޖެނެރަލްމުހައްމަދު ޝަމްއާން ވަހީދާއި ޑެޕިއުޓީ ކޮންޓްރޯލަ އަހުމަދު އަޝްފާން ވެސް އަމަލީގޮތުން ބައިވެރިވެ ވަޑައިގެންފައުވާއިރު، ކޮންޓްރޯލައާ ހަވާލާދީ އިމިގްރޭޝަނުން ބުނީ މިއީ މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް އޮޕަރޭޝަންތައް ފެށުމާ އެކު އަތޮޅުތަކަށް ދިޔަ ބިދޭސީން އެކި ރަށްތަކުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވެފައިވާކަމުގެ ޝަކުވާތައް އާންމުންގެ ފަރާތުން ލިބެމުން ދިއުމާއި ގުޅިގެން އަތޮޅުތަކަށް މި އޮޕަރޭޝަން ފުޅާކުރަން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފެށުމެއް ކަމަށެވެ.




