ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އާއި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އިއްޔެ ޒުވާބެއް ކޮށްފި ކަމަށް ބުނެ ފެތުރެމުންދާ ޚަބަރު އެމްޕީ ފަލާޙް ދޮގުކޮށްފިއެވެ.
”އަދަދު“ ނޫހުގައި މިއަދު ޝާއިޢު ކޮށްފައިވާ ޚަބަރެއްގައި ބުނެފައިވަނީ ފަލާހު އާއި އަސްމާ ޒުވާބު ކުރީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އިއްޔެ ބޭއްވި ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އެ ނޫހަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
އެގޮތުން އެބައްދަލުވުމުގައި ބައެއް ވާހަކަތައް މެންބަރު އަސްމާއަށް ރައްދުވާ ގޮތަށް ފަލާޙު ދެއްކެވި ކަމަށާއި އެކަމާ އަސްމާ ހިތްހަމަޖެހިވަޑައިނުގަންނަވައިގެން ރައްދު ދެއްވީ ކަމަށް ވެސް ބުނެފައިވެއެވެ.
އެ ޚަބަރަށް ރައްދު ދެއްވަމުން އެމްޕީ ފަލާޙް މިއަދު ”އެކްސް“ މެދުވެރިކޮށް ވިދާޅުވީ އެއީ ”ވަރަށް ބޮޑު ދޮގު ޚަބަރެއް“ ކަމަށެވެ.
”އެމްޕީ އަސްމައްތަ އަކީ އަޅުގަނޑު ވަރަށް ލޯބިވާ ވަރަށް އިހުތިރާމުކުރާ ކަނބަލެއް“ ފަލާޙް ވިދާޅުވެފައިވެއެވެ.
މިފަދަ ދޮގު ޚަބަރު ފެތުރުން އެ ނޫހުން އާންމުކަމަކަށް ވެއްޖެ ކަމަށާއި މިއީ ވަރަށް ދެރަކަމެއް ކަމުގައި ވެސް އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާޙް ވިދާޅުވިއެވެ.




