ދައުލަތުގެ ޚަރަދުތައް ކުރުމަށް އަންނަ އަހަރު ކަނޑައަޅާނެ ބަޖެޓުގެ އަދަދު 64 ބިލިއަން ރުފިޔާއަށް އަރާފާނެ ކަމަށް ފިނޭންންސް މިނިސްޓްރީގެ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުން ދައްކައިފިއެވެ. މި ރިޕޯޓަކީ ކުރިއަށް އޮތް އަހަރާއި މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި މާލީ ހާލަތަށް އަންނާނެ ބަދަލުތައް އަންދާޒާކޮށް ކިޔައިދިނުމަށް އެކުލަވައިލާފައިވާ ރިޕޯޓެކެވެ.
މި ރިޕޯޓުގައި އަންނަ އަހަރަށް 64 ބިލިއަން ރުފިޔާ ޚަރަދު ވާނެކަމަށް ލަފާކޮށް، މި އަދަދަށް ބަޖެޓު ހުށަހެޅި ނަމަވެސް އެ އަދަދު ބަދަލުކުރުމުގެ ފުރުސަތު ސަރުކާރަށް އޮންނާނެއެވެ.
އެގޮތުން އަންނަ އަހަރަށް ލަފާކޮށް ސަރުކާރުގެ ފަރާތުން ހުށަހަޅާ ބަޖެޓު މާދަމާ ރައްޔިތުންގެ މަޖިލީހުގައި ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ.
އަންނަ އަހަރަށް ސަރުކާރުން ކުރަން ނިންމާފައިވާ ޚަރަދުތަކުގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކުގެ ބައެއް ރީފައިނޭންސިން ކުރުމަށް ކަނޑައަޅައިފައިވެއެވެ.
ދައުލަތުގެ އާމްދަނީ އިތުރުކޮށް، ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކާ އެކު އަންނަ އަހަރުގެ އޯވަރޯލް ޑެފިސިޓް ހުންނާނެ ކަމަށް ބެލެވެނީ 5.4 ބިލިއަން ރުފިޔާގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ. ނަމަވެސް އަންނަ އަހަރު 16 ބިލިއަން ރުފިޔާ ބަޖެޓު ފައިނޭންސިންއަށް ހޯދަން ވެސް އެ މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.



