މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ލޭންޑްމާކް ޑިޒައިން ކޮށްގެން 20،000 ރުފިޔާ ލިބުމުގެ މުބާރާތެއް މުޅި ރާއްޖެއަށް ހުޅުވާލައިފިއެވެ.
އެމްއެމްޕީއާރްސީން ބުނީ މިގޮތުން ޑިޒައިން ކުރެވޭ ލޭންޑްމާކް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ހުރި އެންމެ ހިތްގައިމު ލާމަސީލު މަންޒިލުތަކުގައި ކަމަށެވެ. އޭގެތެރޭގައި މާލެ ސިޓީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު، ކަނޑުއަޑީގެ ބައެއް ސަރަހައްދުތަކުގެ އިތުރުން މާލެ ސަރަޙައްދުން ބޭރު ރާއްޖޭގެ ބައެއް ރަށްތައް ވެސް ހިމެނޭ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
މިފަދަ ތަފާތު މުބާރާތެއް ހުޅުވާލުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ރީތިކަމާއި ސަޤާފަތް ރަމްޒުކޮށްދިނުމުގެ އިތުރުން، ދިވެހީންގެ ހުނަރު ދައްކުވައި ދިނުމާއި ފަތުރުވެރިންގެ ސަމާލުކަން އިތުރަށް ހޯދުން ކަމުގައި އެމްއެމްޕީއާރްސީން ބުނެފައިވެއެވެ.
މިއީ ދިވެހީންނަށް ޚާއްސަ ކޮށްގެން، އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ މުބާރާތެކެވެ. އަދި މި މުބާރާތުގެ ބައިވެރިންނަށް ރާއްޖޭގެ ރަށްތަކާއި ސަރަހައްދުތަކުގެ މުއްސަނދި ތަރިކައާއި ސަގާފަތާއި ހިތްގައިމު ގުދުރަތީ ރީތިކަން ދައްކުވައިދޭ ޑިޒައިންތައް ހުށައެޅޭނެ ކަމަށް ވެސް އެމްއެމްޕީއާރްސީން ބުނެފައިވެއެވެ.
މި މުބާރާތުގައި ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން ގަދަ 10 ހޮވާނީ އެކަމަށްޓަކައި ޚާއްސަ ކޮށްފައިވާ ޖަޖުންގެ ޕެނަލަކުންނާއި އާންމުންގެ މެދުގައި ނެގޭ ވޯޓުންނެވެ. އެގޮތުން އެންމެ މަތީ މާކްސް ލިބިގެން ގަދަ 10 ގައި ހިމެނޭ ކޮންމެ ފަރާތަކަށް 20،000 ރުފިޔާގެ ފައިސާގެ އިނާމާއެކު މި މުބާރާތް ސްޕޮންސަރ ކޮށްދީފައިވާ ފަރާތްތަކުގެ ފަރާތުން ޚާއްސަ ގިފްޓު ޕެކެއް ލިބޭނެ ކަމަށް ވެސް އެމްއެމްޕީއާރްސީން ބުންޏެވެ. މިގޮތުން ހޮވޭ ހުރިހާ ޑިޒައިނެއް ވެސް އެމްއެމްޕީއާރްސީގެ މާކެޓިންގް އިވެންޓުތަކުގައި ބޭނުން ކުރާނެ ކަމަށާއި، ޑިޒައިން ކުރި ފަރާތަށް އެ ޑިޒައިންތަކުގެ ފުރިހަމަ ކްރެޑިޓު ދޭނެކަން ވެސް އެ ކޯޕަރޭޝަނުން ވަނީ ޔަގީންކޮށްދީފައެވެ.
މި މުބާރާތުގައި ބައިވެރިކުރާ ކޮންމެ ޑިޒައިނެއްގެ އުސްމިނުގައި އެންމެ ގިނަވެގެން ހުންނަންވާނީ 20 ފޫޓު ކަމަށާއި ޑިޒައިންތައް ހަދާފައި ހުންނަން ވާނީ ދެމެހެއްޓެނިވި ތަކެތި ބޭނުން ކޮށްގެން ކަމަށް އެމްއެމްޕީއާރްސީން ބުނެފައިވެއެވެ. މީގެއިތުރުން ކޮންމެ ލޭންޑްމާކެއްވެސް ރަމްޒު ކޮށްދޭން ވާނީ ދިވެހިންގެ ތާރީޚާއި ސަޤާފަތާއި އެރަށެއް ނުވަތަ ސަރަހައްދެއްގެ ސިފަތައް ކަމުގައި ވެސް އެމްއެމްޕީއާރްސީން ބުންޏެވެ.
މުބާރާތައް ހުށަހެޅޭ ލޭންޑްމާކުތަކުގެ ޑިޒައިންތަކަކީ ތަފާތު، ބަލާލަން ހިތްގައިމު، ރައްކާތެރި އަދި ދިގު މުއްދަތަކަށް ހަލާކުނުވެ ހިފެހެއްޓިފައި ހުންނާނެ ޑިޒައިންތަކަކަށް ވާން ޖެހޭނެ ކަމަށް އެކޯޕަރޭޝަނުން ބުންޏެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ޑިޒައިންތައް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ނޮވެމްބަރު މަހުގެ 30 ގެ ހަވީރު 6:00 ގެ ކުރިންނެވެ. ޑިޒައިންތައް ހުށަހަޅާނީ contest@visitmaldives.com މެއިލް އެޑްރެސް އަށެވެ.
މުބާރާތުގައި ބައިވެރިވާން އެދޭ ކޮންމެ ފަރާތަކަށް ވެސް ހުށަހެޅޭނީ އެންމެ ޑިޒައިނެކެވެ. ޑިޒައިން ހުށަހަޅާނީ އެ ޑިޒައިނެއްގެ ހުރިހާ ބޮޑުމިނާއި އިތުރު ތަފްސީލުތައް ސާފު ވާނޭހެން، ކޭޑް (ސީއޭޑީ) އަދި ޕީޑީއެފް ފޯމެޓުގައި ކަމަށް ވެސް އެމްއެމްޕީއާރްސީން އިރުޝާދު ދީފައިވެއެވެ.
މީގެއިތުރުން (ބޭނުންނަމަ) އެ ޑިޒައިނެއް ރަމްޒުކޮށްދޭ ސަރަޙައްދެއް އެނގޭނޭ ފަދައިން ހުށަހެޅުމަށާއި ޑިޒައިނުގެ ކުރެހުމެއް ވެސް (ބޭނުންނަމަ) އެއްކަރުދާސް ކުރަން އެމްއެމްޕީއާރްސީން ބުނެފައިވެއެވެ. އައި ހަމަ އެއާއެކު މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި މުބާރާތުގައި ބައިވެރިވުމަށް އެދޭ (ފުރިހަމަ ކޮށްފައިވާ) އެޕްލިކޭޝަން ފޯމު ވެސް އެއްކަރުދާސް ކުރަން ވާނެ ކަމަށް އެމްއެމްޕީއާރްސީން ވަނީ ބުނެފައެވެ. އިތުރު މައުލޫމާތު އޮޅުން ފިލުވަން ބޭނުންނަމަ contest@visitmaldives.com މެއިލް ކުރުމަށް އެކޯޕަރޭޝަނުން އެދިފައިވެއެވެ.



