މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ރާއްޖެއަށް ފިލްމު ޓޫރިޒަމް ތައާރަފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެއެވެ.
ކ. ގުރައިދޫގެ ފަރުތުވެރިކަމުގެ ބްރޭންޑު އިފްތިތާހު ކޮށްދެއްވުމަށް ބޭއްވި ޚަފްލާ ޝަރަފުވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ޝިއުރީ ވިދާޅުވީ ފަތުރުވެރިކަން ދަށް ދުވަސްވަރު ނުވަތަ ”އޮފް ސީޒަން“ ގައި ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި އެގޮތުން ވަކި ބާވަތެއްގެ ފަތުރުވެރިކަމަށް ބަރޯސާވެފައި އޮންނަ އޮތުން ބަދަލުކޮށް ފަތުރުވެރިކަން އިތުރު ކުރުމުގެ މަސައްކަތް ކުރަންޖެހޭކަމަށެވެ.
އެގޮތުން ފަތުރުވެރިކަން އިތުރު ކުރުމަށް އަންނަ އަހަރު ޚާއްސަ ހަރަކާތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އޭގެ ތެރޭގައި ފިލްމު ޓޫރިޒަމް ހިމެނޭ ކަމަށް ވެސް ޝިއުރީ ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ އެމްޑީ ވިދާޅުވީ ރާއްޖޭގެ ރީތިކަން އިޝްތިހާރުކުރުމަށްޓަކައި ފިލްމް ޓުއަރިޒަމް ތަޢާރަފްކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށާއި އަންނަ އަހަރު އެފަދަ ހަރަކާތެއް ބޭއްވުމަށް ޕްލޭންކުރާކަމަށެވެ.
ރާއްޖެއަށް ފިލްމު ޓޫރިޒަމް ތައާރަފް ކުރުމުގެ އިތުރުން ސްޕޯޓްސް ޓޫރިޒަމް ވެސް ތައާރަފްކޮށް، ޓުއަރިޒަމްގެ ދާއިރާއިން ކުޅިވަރާ ބެހޭ އެނުއަލް އިވެންޓްތައް ބޭއްވިއްޖެނަމަ ރާއްޖޭ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަން ޝިއުރީ ފާހަގަ ކުރެއްވިއެވެ.




