މަސްވެރިންނަށް ނުދެވި ހުރި ފައިސާގެ ބާކީ ހުރި 15 މިލިއަން ރުފިޔާ މިއަދު ދޭނެ ކަމަށާއި އެއާއެކު ބެކްލޮގް އެއްކޮށް ކްލިއަރ ވާނެކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފިއެވެ.
މިކަން އަންގައި މިފްކޯ އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މަސްވެރިންނާ ހަވާލު ކުރަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 27 އިން މިމަހުގެ 27 އަށް ދޭންވާ ފައިސާ އެވެ. އެއީ ޖުމްލަ ފަނަރަ މިލިއަން އެއްލައްކަ ފަސްދޮޅަސް އަށް ހާސް ތިން ސަތޭކަ ސާޅީސް ހަތަރު (15،168،344) ރުފިޔާއެވެ.
މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދިނުމަށް މިފްކޯއާއި މިހާރު ހަވާލު ކޮށްފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ ވިދާޅުވެފައެވެ. އެގޮތުން އެމަނިފާނު ވިދާޅުވީ ކުރިއަށް އޮތް 48 ގަޑިއިރު ތެރޭގައި ހުރިހާ މަސްވެރިންނަށް ވެސް ނުދެވި ބާކީ ހުރި ފައިސާ ދިނުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ.
މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ފިޝަރީޒް މިނިސްޓަރ އަޙުމަދު ޝިޔާމް ވެސް ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ މަސްވެރިންނަށް މިހާތަނަށް ނުދެވި ހުރީ 16.2 މިލިއަން ރުފިޔާ ކަމަށާއި މާދަމާގެ ނިޔަލަށް މަސްވެރިންނަށް ދީ ”ބެކްލޮގް“ އެއްކޮށް ”ކްލިއާ“ ކުރައްވާނެ ކަމަށެވެ.


