ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާފީ ބޮޑުކުރަން ހުށަހަޅާފައިވާ ބިލާއި ޓީޖީއެސްޓީ އަދި ގްރީން ޓެކްސް ދެގުނަ އިތުރު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު އިއްޔެ ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ހުށަހެޅި މި ތިން ބިލު ދިރާސާ ކުރީ މާލިއްޔަތު ކޮމެޓީ އަދި އިގްތިސޯދީ ކޮމެޓީ ހިމެނޭ ސަބް ކޮމިޓީއިންނެވެ. ބިލު ފާސް ކޮށްފައިވަނީ މުޅި މަޖިލިސް ކޮމިޓީންނެވެ.
އެގޮތުން ސަރުކާރުން ހުށަހެޅި ޓީޖީއެސްޓީ ބިލު ފާސްކުރީ 70 މެންބަރުންގެ އަގުލަބިއްޔަތަކުންނެވެ. އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް އަށް މެންބަރަކު ވޯޓު ދިނެވެ.
ޓޫރިޒަމް ގާނޫނަށް ހުށަހަޅާފައިވާ ބިލު ފާސް ކުރީ 71 މެންބަރުންގެ އަގުލަބިއްޔަތަކުންނެވެ. މި ބިލު ވެސް ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދިނީ އަށް މެންބަރުންނެވެ.
އެއާޕޯޓުތަކުން ބޭރަށް ފުރާ މީހުންގެ އަތުން ޓެކުހާއި ފީ ނެގުމުގެ ބިލު ފާސް ކުރީ 71 މެންބަރުންގެ އަގުލަބިއްޔަތަކުންނެވެ. މި ބިލު ވެސް ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދިނީ އަށް މެންބަރުންނެވެ.
މި ބިލުތައް ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ.




