ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުގައި ބުނާ ބަހާއި ޢަމަލާ ދިމާވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މާލެ ސަރަހައްދުގައި އާބާދީ އިތުރުވެފައިވާ ބުޅާތައް ބެލެހެއްޓުމާއި އާންމުންނަށް އެ ބުޅާތަކުގެ ސަބަބުންވާ އުނދަގުލަށް ހައްލެއް ހޯއްދަވާދެއްވުމަށް މިއަދު ހުޅުވާދެއްވި ޕެޓް ކެއާ ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އެފަދަ ސެންޓަރެއް ހުޅުވުމަށްޓަކައި ކުރިން (މޭޔަރަކަށް ހުންނެވިއިރުވެސް) ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި އެހެންނަމަވެސް އެއިރުގެ ސަރުކާރުން އެކަމަށް އެއްބާރުލުން ނުދެއްވުމުން އެކަން ނުކުރެވުނީ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވިއިރު ކެމްޕެއިނު ދުވަސްވަރުގައި ވެސް އެވައުދު ކުރެއްވި ކަމަށާއި އަދި ރައްޔިތުން އެމަނިކުފާނަށް އިތުބާރު ކުރައްވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް އައްޔަނު ކުރުމުން، މިއަދު އެމަނިކުފާނު މިވަނީ އެވައުދު ފުރިހަމަ ކުރައްވާފައިކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ބުޅާތަކުގެ ރައްކާތެރިކަމަށްޓަކައި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ގެ ނަމުގައި މިނިސްޓްރީއެއް ވެސް އުފެއްދެވި ކަމަށާއި މިއަދު ހުޅުވުނު ޕެޓްކެއަރ ސެންޓަރު ކުރިއަށް ގެންދާނީ އެ މިނިސްޓްރީގެ ވެސް ބެލުމުގެ ދަށުން ކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި މިމަސައްކަތް އެ މިނިސްޓްރީގެ ފަރާތުން މިހާރު މާލެސިޓީ ކައުންސިލާ ހަވާލުވެސް ކޮށްފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
”މިދަންނަވަން އުޅޭ ވާހަކައަކީ، އަޅުގަނޑުމެންގެ ސަރުކާރަކީ، (އެއްކަމަކަށް) ވާ ވައުދުތައް ފުއްދާނެ ސަރުކާރެކޭ. ޢަމަލާއި ބަހާ ދިމާވާނެޔޭ. (ދެވަނަ ކަމަކަށް) ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންތައްތައް ކުރުމުގައި އިސްކަން އަބަދުވެސް ދޭނެ ސަރުކާރެކޭ. މިވޭތުވެދިޔަ އަހަރެއްހާ ދުވަސް ތެރޭގައި އަޅުގަނޑު ވާނީ މިގޮތަށް ކައުންސިލުތައް ބާރުވެރި ކުރުމަށް މަސައްކަތް ކޮށްފަ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ކައުންސިލުތަކާ ބައްދަލުވުމެއް ބާއްވަން މީގެ ކުރިން އެކައުންސިލުތައް މާލެ ގެނައީ ކަމަށާއި ނަމަވެސް އެމަނިކުފާނުގެ މިސަރުކާރުގައި އެމަނިކުފާނު ވާނީ 160 އެއްހާ ކައުންސިލުތަކާ ބައްދަލު ކުރައްވާފައި ކަމަށެވެ.




