އައު ޑޮމެއިން ނަންބަރު ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތް އަލުން ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައި ދޭން ރާވާފައިވާ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓު އެންޑް އެންޑް ސިވިލް އޭވިއޭޝަން ޑރ. މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވީ މިކަމުގެ މައުލާމާތު ދެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ޓްރާންސްޕޯޓު މިނިސްޓަރު ވިދާޅުވީ މިސަރުކާރުން ހަވާލުވީއިރު ޑޮމެއިންގެ މައްސަލަތައް އޮތީ ވަރަށް ބޮޑަށް ބޮޑުވެފައި ކަމަށެވެ. އަދި ނިމިދިޔަ ސަރުކާރުން ވަނީ ރައީސް އޮފީހުގެ އެންގެވުމުގެ މަތިން ޓްރާންސްޕޯޓު މިނިސްޓްރީ ތެރޭގައި އެމަސައްކަތް ކުރިއަށް ގެންދިޔުން ހުއްޓާލާފައިކަން ވެސް މިނިސްޓަރު އަމީން ފާހަގަ ކުރެއްވިއެވެ.
”އަޅުގަނޑުމެން ޤަބޫލެއް ނުކުރަން (ޤާނޫނުގެ ތެރެއިން) ދިވެހި ރައްޔިތުންނަށް ދެމުންގެންދިޔަ ޚިދުމަތެއް އެގޮތަށް ހުއްޓާލާފައި އޮންނަން ޖެހޭނެ އެއްވެސް ސަބަބެއް އޮންނަންވާނެހެނެއް. އެހެންވީމަ ދިމާވެފައިވާ މައްސަލަތަށް ހައްލުކޮށްގެން އަޅުގަނޑުމެން އެ ޚިދުމަތައިގެން ދާން ޖެހޭނީ“ މިނިސްޓަރ އަމީން ވިދާޅުވިއެވެ.
މީގެއިތުރުން ޓްރާންސްޕޯޓު މިނިސްޓަރު ވިދާޅުވީ ސަރުކާރާއި ހަވާލުވީއިރު މިމައްސަލަ އޮތް ހާލަތްތަށް ބަލާފައި، ގެނެވޭނެ އެންމެ ރަނގަޅު ހައްލަކީ ކޮބައިތޯ ބަލަމުންދާ ކަމަށާއި އައު ޑޮމެއިން ނަންބަރު ބޭނުންވާ ބޭފުޅުންނަށް އެ ލިބޭނެ އިންތިޒާމު ހަމަޖައްސަން ރާވާފައިވާނެ ކަމަށެވެ.




