އެމް.ޑަބްލިޔު.އެސް.ސީއިން ހއ.ތަކަންދޫގައި ކުރިއަށްގެންދާ ފެނާއި ނަރުދަމާ ނިޒާމުގެ ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަން ކޮށްފިއެވެ.
ހއ.ތަކަންދޫގެ ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ފެނަކަ އަދި އެމް.ޑަބްލިޔު.އެސް.ސީގެ ބޭފުޅުން އެރަށަށް ވަޑައިގެންނެވެ.
ތަކަންދޫގައި ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ފެން ހޮޅީގެ މައިނެޓްވޯރކް އަޅައި އަދި ގޭގެޔަށް ފެނުގެ ކަނެކްޝަން މިހާރު ގުޅައިދީފައިވާނެ ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ވަނީ ބުނެފައެވެ. އަދި ފެން އުފެއްދުމަށްޓަކައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިންވެސް އަޅާފައިވާނެ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.
މީގެއިތުރުން ފެން ރައްކާކުރުމަށްޓަކައި ފެންތާނގި ބެހެއްޓުމުގެ އިތުރުން ތަކަންދޫގެ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައި ނެޓްވޯކް އާއި ޕަމްޕިންގ ލައިން އަޅައި، ޕަމްޕިންގ ސްޓޭޝަން ޤާއިމްކޮށް އަދި ސީ އައުޓްފޯލް ވަނީ އަޅާފައެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ވެސް ވަނީ ގުޅައިދީފައެވެ.

މި މަޝްރޫޢުގެ ދަށުން ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނާއި އަދި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ފޯރުކޮށްދެވިގެން ދާނެ ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ބުނެފައިވެއެވެ.
ތަކަންދޫގެ ފެނާއި ނަރުދަމާ މަޝްރޫޢަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ޖުމްލަ އަގަކީ 72 މިލިއަން ދިވެހި ރުފިޔާއެވެ. މިމަޝްރޫޢުގެ ސަބަބުން ތަކަންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެއެވެ.




