މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ)، އިން ހއ.މާރަންދޫގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމުގެ ޤާއިމްކުރުމުގެ މަސައްކަތްތައް ނިންމައި ކޮމިޝަން ކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ފެނަކަ އަދި އެމް.ޑަބްލިޔު.އެސް.ސީގެ ބޭފުޅުން ވަޑައިގެން ހއ.މާރަންދޫގެ ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވާއިރު، ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ފެން ހޮޅީގެ މައިނެޓްވޯރކް އަޅައި އަދި ގޭގެޔަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ
މީގެއިތުރުން، ފެން އުފެއްދުމަށްޓަކައި ބޯހޯލް ތޮރުފައި، ރިޖެކްޓް ލައިން އެޅުމުގެ އިތުރުން، ފެން ރައްކާކުރުމަށްޓަކައި ފެންތާނގީ ވެސް ބަހައްޓާފައިވެއެވެ.
މާރެންދޫގައި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައި ނެޓްވޯކް އާއި ޕަމްޕިން ލައިން އަޅައި، ޕަމްޕިން ސްޓޭޝަން ޤާއިމްކޮށް، ސީ އައުޓްފޯލް އަޅައި، ގޭގޭގައި ޖަންކްޝަން ބެހެއްޓުމުގެ އިތުރުން، ނަރުދަމާގެ ކަނެކްޝަން ވެސް ވަނީ ގުޅައިދީފައެވެ.
މި މަޝްރޫޢުގެ ދަށުން ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނާއި އަދި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް ވެސް ފޯރުކޮށްދެވިގެން ދާނެކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ހއ.މާރަންދޫގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާގެ މިމަޝްރޫއުއަށް 73.98 މިލިއަން ދިވެހި ރުފިޔާ އަރާއިރު، މިމަޝްރޫއުގެ ސަބަބުން މާރަންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެއެވެ.




