ޙައްޖު ކޯޕަރޭޝަނުން ކ. މާފުށީގައި ހަލާލް ޓޫރިޒަމް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ޙައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
މިއަދު ކުރިއަށްދިޔަ ސަރުކާރުގެ މަސްއޫލިއްޔަތު އަދައިކުރާ މިންވަރު ބަލާ ކޮމިޓީގެ ތެރެއިން ފުވައްމުލަކު މެދުދާއިރާގެ ޕީއެންސީގެ މެންބަރު އަލީ ފަޒާދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ ޙައްޖު ކޯޕަރޭޝަނުން މިހާރު ޙައްޖަށް މީހުން ފޮނުވަނީ ގެއްލުމުގައި ކަމަށެވެ.
އެގޮތުން މިހާރު 3،000 މީހުން ޙައްޖަށް ގެންދާނަމަ ޙައްޖު ކޯޕަރޭޝަނުން މިހާރު އިތުރަށް 30 މިލިއަން ރުފިޔާ ޚަރަދުކުރަން ޖެހޭކަން ފާހަގަކުރައްވާ ޝަކީލު ވިދާޅުވީ ޙައްޖަށް މީހުން ގެންދާ އަގު ކުޑަކުރަން ޙައްޖު ކޯޕަރޭޝަނަކީ ފައިދާވާ ކުންފުންޏަކަށް ހަދަން މަސައްކަތްކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، އެ ގޮތުން، ރިސްކު ކުޑަ ވިޔަފާރިތަކަށް އެ ކުންފުނިން އިންވެސްޓްކުރަން ނިންމައި، ބައެއް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ޝަކީލު ވިދާޅުވިއެވެ.
”ޙައްޖުގެ ކަންކަމަށް ކުރަންޖެހޭ ހޭދައަކީ ބޭރުގެ ފަރާތްތަކާ ކުރަންޖެހޭ މުއާމަލާތްތަކަކަށްވާތީ، މުޅިން ވެސް ބޭރު ފައިސާއިން މުއާމަލާތްތައް ކުރަން މި ޖެހެނީ. އެހެންވީމާ އަޅުގަނޑުމެންނަށް މި ވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަމަކީ ބޭރު ފައިސާ ހޯދުމުގެ ދަތިކަން،“ އޭނާ ވިދާޅުވިއެވެ.
މިމަސައްކަތުގެ ތެރެއިން ބޭރު ފައިސާ ހޯދަން މާފުށީގައި ގެސްޓްހައުސްއެއް ތަރައްގީކޮށް، ހަލާލް ޓޫރިޒަމް ތައާރަފުކުރަން ނިންމާފައިވާ ކަމަށާއި މިހާރު މާފުށީ ކައުންސިލްގެ ކުންފުންޏާއި ޙައްޖު ކޯޕަރޭޝަން ގުޅިގެން ސަބްސިޑިއަރީ ކުންފުންޏެއް ހަދަން ހުށަހަޅެމުގެ އިތުރުން، ކަމަށް މާފުށިން ބޮޑު ބިމެއް ހަމަޖައްސާފައިވާ ކަމަށް ވެސް ޝަކީލު ވިދާޅުވިއެވެ.
”މި ކަމަށްޓަކައި އިންވެސްޓްކުރާނެ ފަރާތްތަކެއް ވެސް އަޅުގަނޑުމެންނަށް އޯލްރެޑީ އެޕްރޯޗްކޮށްފައިވަނީ. މާފުއްޓަކީ އޯލްރެޑީ ޓޫރިޒަމަށް އެސްޓާބްލިޝްޑް ތަނެއް ވީމާ މިއީ ވަރަށް ރިސްކު ކުޑަ، އެހެންނަމަވެސް ރަނގަޅު އާމްދަނީއެއް ބޭރު ފައިސާއެއް ލިބޭނެ މަގެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭތީ މި ދާއިރާއަށް އިންވެސްޓްކުރަނީ،“ އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޙައްޖު ކޯޕަރޭޝަނުން މިހާރު ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ ލަގްޒަރީ އެޕާޓްމަންޓްމެންޓުގެ މަސައްކަތުގެ ތެރެއިން މިހާރު އިމާރާތް ކުރެހުމުގެ މަސައްކަތް ކުރިއަށްދާއިރު، ކުރިއަށް އޮތް ދެތިން މަހެއް ތެރޭ އެ މަސައްކަތް އެވޯޑުކުރެވޭނެ ކަމަށް ޝަކީލު މައުލޫމާތުދެއްވިއެވެ.
ޙައްޖަށް މީހުން ގެންދަން ލިބޭ ހުރިހާ ކޯޓާއެއް ސަރުކާރުން މިހާރު ޙައްޖު ކޯޕަރޭޝަނަށް ދޭން ނިންމައިފައިވާއިރު، އަންނަ އަހަރުން ފަށައިގެން ކޯޓާ އިތުރުވެއްޖެ ނަމަ، އިތުރުވާ ބައިން އަމިއްލަ ޖަމާއަތްތަކަށް ދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީގެ ކުރިން ވަނީ ވިދާޅުވެފައިވެއެވެ.



