އެކަށިގެންވާ ހެއްކެއް ނެތި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ 300 އެއްހައި މުވައްޒަފުންގެ މައްޗަށް ކުރީ ސަރުކާރުން އަނިޔާވެރިވެފައިވާ ކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު މިއަދު ތުހުމަތުކުރައްވައިފިއެވެ.
އެކިއެކި މައްސަލަތަކުގައި ވުޒާރާއަށް ހުށަހަޅާފައިވާ ޝަކުވާތަކާއި ގުޅޭ ގޮތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސައިން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ މި ސަރުކާރުގެ ތައުލީމާއިބެހޭ ވަޒީރުކަމުގެ މަގާމަށް ހަވާލުވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ދެއްވި ނަސޭހަތްޕުޅަކީ މުވައްޒަފުންނާ މެދު އަދުލުވެރިކަމާ އެކު ކަންކުރާށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ތައުލީމީ ދާއިރާގެ މުވައްޒަފުންނާ މެދު ބޭއިންސާފުން ކަންކޮށްފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ 40 ޕްރިންސިޕަލުންނެއް އެ ބޭފުޅުން ތިއްބެވި ސްކޫލު ނޫން އެހެން ސްކޫލުތަކަށް އަރުވާލާފައިވާ ކަމަށާއި، ބައެއް މުވައްޒަފުންގެ މައްޗަށް އަނިޔާވެރިވެ އެކަށިގެންވާ ހެކި ނެތި 300 އެއްހާ މުވައްޒަފުންގެ މައްޗަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
ކުރީ ސަރުކާރުން މިމުވައްޒަފުންގެ މައްޗަށް އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭ އިތުރު ތަފްސީލު ވަޒީރު ހާމަކުރައްވާފައެއް ނުވެއެވެ.
”އެ ޓީޗަރަކާ ނުވަތަ މުވައްޒަފަކާ ދޭތެރޭ އުފުލޭ ޝަކުވާ އެއީ ކްރެޑިބަލް ގޮތެއްގައި އަދުލުވެރި ގޮތެއްގައި އަންނަ ޝަކުވާއެއް ގޮތުގައި އަޅުގަނޑުމެން ކަށަވަރުކުރާނަން،“ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ އެވުޒާރާއަށް ހުށަހަޅާ ކޮންމެ ޝަކުވާއަކަށް ފިޔަވަޅު އަޅަން ފައްޓައިފި ނަމަ، ގާނޫނުއަސާސީން މުވައްޒަފުންނަށް ލިބިދީފައިވާ ހައްގުތަކަށް ހުރަސްއެޅޭނެ ކަމަށާއި، ފިޔަވަޅު އެޅުމުގައި އެވުޒާރާއިން އިޚްތިޔާރު ކުރަނީ އަލުވެރިވުމަށް ކަމަށެވެ.
”ފިޔަވަޅު އެޅުމުގައި އަޅުގަނޑުމެން ގެންގުޅޭނީ އަދުލުވެރިކަން،“ ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، މިހާރު އެވުޒާރާއަށް ލިބޭ ޝަކުވާތައް ބެލުމުގެ ކުރިން ޝަކުވާގެ ސައްހަކަން ޔަގީންކުރާނެ ކަމަށާއި އަދި ރަށްރަށަށް ވެސް ވުޒާރާގެ ޓީމުތަކުން ދަތުރުކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.



