ކުރީ ސަރުކާރުން މާލެ ސަރަހައްދުގެ ސްކޫލެއް އަވަހަށް ނިންމުމަށް 16 މިލިއަން ރުފިޔާއަށް ކޮންޓްރެކްޓަރާ ހަވާލުކުރި ކަމުގެ ލިޔެކިޔުންތައް ފެންނަން ނެތް ކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވެފައި ވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ހުސައިން ސްކޫލްތަކުގައި ކުރިއަށް ގެންދާ މަސައްކަތްތައް ނުނިމޭ މައްސަލަ އާއި ބެހޭގޮތުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ކުރީ ސަރުކާރުގައި ތައުލީމީ ވަޒީރުގެ މަގާމުގައި ހުންނެވީ ޑރ. އައިޝަތު އަލީ އެވެ.
ވަޒީރު ވިދާޅުވީ މާލޭގެ ސްކޫލެއްގެ ކޮންޓްރެކްޓަރަކަށް 16 މިލިއަން ދޭންޖެހޭކަމަށް ބުނެ މީގެ ދެހަފްތާއެއް ކުރިން އެވުޒާރާއަށް ޝަކުވާއެއް ލިބިފައިވާ ކަމަށާއި، އެއާއިއެކު އެވުޒާރާއިން ބެލިބެލުމުން 16 މިލިއަން ރުފިޔާގެ އެއްބަސްވުމުގެ އެއްވެސް ލިޔެކިޔުމެއް، ކޮށްފައިވާ މުއާމަލާތެއް، ފެންނަން ނެތްކަން ފާހަގަވެފައިވާ ކަމަށެވެ.
މީގެއިތުރުން، ފައިނޭންސް އެގްޒެކެޓިވްގެ ހުއްދަ، ބިޑް ކޮމެޓީގެ ހުއްދަ، ފިނޭންސް މިނިސްޓްރީގެ ހުއްދައެއް ނެތް ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިއެއްބަސްވުމާއި ގުޅޭގޮތުން އެވުޒާރާއިން އެއްވެސް މުއާމަލާތެއް ކޮށްފައި އޮތްތޯ ބެލުމަށް ކުރި މަސައްކަތުން، އެއިރުގެ ވަޒީރު ޑރ. އައިޝަތު އަލީގެ އީމެއިލުން އީމެއިލްތަކެއް ޑިލީޓް ކުރައްވާފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.
”ފައިނޭންސް އެގްޒެކެޓިވްގެ ހުއްދައެއް ނެތް. ބިޑް ކޮމެޓީގެ ހުއްދައެއް ނެތް. ފިނޭންސް މިނިސްޓްރީގެ ހުއްދައެއް ނެތް. މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެއްވެސް މުއާމަލާތެއް ކޮށްފައި އޮތްތޯ ބެލުމަށް އަޅުގަނޑުމެން މަސައްކަތް ކުރިއިރު މިނިސްޓަރު ވަނީ ހުރިހާ އީމެލްތަކެއް ޑިލީޓް ކުރައްވާފައި. އެހެންވީމާ އެކަން ފެންނާނަކަށް ނުއެއް ނެތް. މިއީ ކަންތައްތައް ހުރި ގޮތަކީ.“
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުންފުންޏާ އެ ކޮންޓްރެކް ހަވާލުކުރި އެއްބަސްވުމުގައި ފައިސާގެ އިތުރުން ވޭރިއޭޝަން ފައިސާ ވެސް ކުރިން ވަނީ ދޫކޮށްފައެވެ. މިހާރު ލިޔެކިޔުން ފެންނަން ނެތިގެން ފައިސާ ދޫނުކުރެވިގެން އުޅެނީ އެ ސްކޫލްގެ މަސައްކަތް އަވަހަށް ނިންމަން ކަމަށް ބުނެ އިތުރަށް ހޭދަވާ 16 މިލިއަން ރުފިޔާއެވެ.
ކުރީގެ ތައުލީމީ ވަޒީރު އައިޝަތު އަލީގެ ރަސްމީ އީމެއިލް އެކައުންޓުން އީމެއިލްތައް ޑިލީޓް ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރުމަށް އެދި އެވުޒާރާއިން ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެއިތުރުން، ފުލުހުން އެ ތަހުގީގު ފެށި ދުވަހު ޑރ. އައިޝަތުގެ ވަނީ އޭނާގެ އެ އީމެއިލް އެކައުންޓަށް މީހަކު ވަންނަން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ ފޭސްބުކްގައި ޕޯސްޓެއް ކުރައްވާފައެވެ. އެޕޯސްޓުގައި ވެރިކަން ނިމުނު ދުވަހު ރަސްމީ އީމެއިލް ޑިއެކްޓިވޭޓް ކުރައްވާފައިވާ އޭނާ ވިދާޅުވިއެވެ.




