ރާއްޖޭގެ ޞިއްހީ ދާއިރާއަށް ދިވެހި ޑޮކްޓަރުން ވަރަށް މުހިއްމުކަމަށް ސިއްޙަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވެފައި ވަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީން ދަސްވެނިވި ފުރަތަމަ ޑޮކްޓަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ދަސްވެނިވި ހުރިހާ ދަރިވަރުން ގެ ފަރާތުން މުޖުތަމަޢަށް ފައިދާ ހުރި އިޖުތިމާޢީ މަސައްކަތެއް ކޮށްދިނުމަށާއި ޤައުމަށް ޚިދުމަތް ކުރުމުގައި ނަމޫނާ ދައްކާނެ ފަދަ ޑޮކްޓަރުންނަށް ވުމަށް އެދިވަޑައިގެން ވަޒީރު ވިދާޅުވީ ރާއްޖޭގެ ޞިއްހީ ދާއިރާއަށް ދިވެހި ޑޮކްޓަރުން ވަރަށް މުޙިންމު ކަމަށެވެ.
ޚާއްޞަކޮށް އަތޮޅުތަކުގެ ޞިއްޚީ ހާލަތު ރަނގަޅުކުރުމަށް ދިވެހި ޑޮކްޓަރުން ބޭނުންވާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.\
މީގެއިތުރުން، އާއްމުންގެ އިތުބާރު، ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރައްވާ ދިވެހި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ބޮޑުކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ހުރިހާ ޑޮކްޓަރުންވެސް ޝަޢުގުވެރިވާ ދާއިރާއަކުން ސްޕެޝަލައިޒް ވުމުގެ ވިސްނުން ގެންގުޅުއްވުމަށެވެ.
މިބައްދަލުވުމުގައި ޑޮކްޓަރުން ވަނީ ޔުނިވާސިޓީގައި ކިޔެވި ދުވަސްވަރުގެ ތަޖުރިބާ ވަޒީރާއި ހިއްސާކުރައްވާ، ކޯހުގެ ފެންވަރު އެއްދުވަހުން އަނެއް ދުވަހަށް އިތުރުކުރުމަށް ޔުނިވާސިޓީން ކުރެއްވި މަސައްކަތް ފާހަގަކުރައްވާފައެވެ.
ޤައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިން އިން ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ބެޗް ދަސްވެނިވެފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ.




