ދިވެހި ރާއްޖޭގެ އެންމެ ބޮޑު ބެންކު ކަމަށްވާ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ޚިދުމަތްތަށް މުޅި ރާއްޖެއަށް ދިނުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާހު ކޮށްދެއްވައިފިއެވެ.
މިރަސްމިއްޔާތުގައި ރައީސް މުޢިއްޒުގެ އިތުރުން ނައިބު ރައިބު ރައީސް ޙުސެއިން މުހައްމަދު ލަތީފުއާއި ބެންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ޝަރީފުއާއި ދައުލަތުގެ ވަޒީރުން އަދި އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ޚިދުމަތްތަށް ދޭން ފެށުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ އެއް ވައުދުފުޅެކެވެ.
މިއަދު ކުރިއަށްދިޔަ މިރަސްމިއްޔާތުގައި މިމަޝްރޫޢުގެ ދަށުން އިފްތިތާހު ކުރެވޭ ފުރަތަމަ އޭޓީއެމްއަށް ޚާއްސަކޮށްގެން ބީއެމްއެލްގެ ފަރާތުން ޚާއްސަ ހަނދާނީ ފިލާއެއް ރައީސް މުޢިއްޒުއަށް ވަނީ ހަވާލުކޮށްދެއްވާފައެވެ. މިހަނދާނީ ފިލާ ރައީސް މުޢިއްޒުއަށް ހަވާލުކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފުއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޝަރީފު ވިދާޅުވީ މިއަދު އިފްތިތާހު ކުރެވުނު މިމަޝްރޫޢުގެ ދަށުން މިއަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްއެއް ގާއިމުކުރުމުގެ ލަނުދަނޑި ހާސިލު ވެގެންދާނެ ކަމަށެވެ.
”މިމަޝްރޫޢު ނިމުމާއެކު ކޮންމެ ދިވެއްސަކަށް (އެމީހެއްގެ ރަށުން ބޭރަށް ދަތުރު ކުރަން ނުޖެހި) އަސާސީ ބޭންކިންގްގެ ޚިދުމަތް ލިބޭނެކަން ކަށަވަރު ވެގެން ދާނެ. މީގެތެރޭގައި ފައިސާ ނެގުމާއި ފައިސާ ޖަމާކުރުމާއި އެކައުންޓުތަކަށް ފައިސާ ޓްރާންސްފަރ ކުރުމާއި ލޯނަށާއި ކްރެޑިޓު ކާޑަށް ފައިސާ ދެއްކުންފަދަ މުހިންމު ޚިދުމަތްތަށް ހިމެނޭ“ ބީއެމްއެލްގެ ސީއީއޯ ވިދާލުވިއެވެ.
މީގެއިތުރުން ޝަރީފު ވިދާޅުވީ މިމަޝްރޫއުއަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެހީތެރިވުމަށާއި ހުރިހާ ދިވެހީންނަށް މާލީ އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގައި ބީއެމްއެލްއިން ފުރިހަމައަށް ބައިވެރިވާކަމުގެ ހެއްކެއް ކަމުގައެވެ.



