މާލެގެ ގެއެއްގައި ހިންގަމުންދިޔަ ސްޕާއެއްގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ހެންވޭރު ގެއެއްގައި ހިންގާ ސްޕާއެއްގައި ހަށިވިއްކާކަމަށް ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާއި ގުޅިގެން މިނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ސަރާ ސެލޫން އެންޑް ސްޕާ ބަލައި ފާސްކުރުމަށްފަހު ދިވެހި ފިރިހެނަކާއި ތައިލޭންޑް ހަތަރު އަންހެނުން ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ގއ. ކަނޑުހުޅުދޫ / ޕާކީޒާ، މުޙައްމަދު ޢިމްރާން (42އ)، ސަލިނީ ޔަމްޑީ (30އ)، ޗަޔަނިޓް ޕިލާ (30އ)، ވިލައިޕޯން ކޮޓްވޮންގް (24އ) އަދި ތިޕްސުދާ ސަންގްހަމް (33އ) އެވެ.
މި މައްސަލައާ ގުޅިގެން މި ފަސް މީހުންގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރު ކުރުމުން ކްރިމިނަލް ކޯޓުން ވަނީ ތިޕްސުދާ ސަންގްހަމް 15 ދުވަހަށް ބަންދު ކުރުމަށާއި ދެންތިބި ހަތަރު މީހުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނީ މިމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.



