މޯލްޑިވްސް އިސްލާމިކް ބޭންކުން ރާއްޖޭގެ އިތުރު 19 ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއިބެހޭ ވުޒާރާ އާއިއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މިފަހުމުނާމާގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ފަރާތުން ވަޒީރު މުޙައްމަދު ސަޢީދު ސޮއިކުރައްވާފައިވާއިރު، އިސްލާމިކް ބެންކުގެ ފަރާތުން ސޮއިކޮށްފައި ވަނީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރ މުފައްދަލް އިދްރީސް ޚުމްރީއެވެ.
މިފަހުމުނާމާގެ ދަށުން އިސްލާމިކް ބޭންކު ރާއްޖޭގެ 19 ރަށެއްގައި އެބޭންކުގެ އޭޓީއެމް ޤާއިމްކުރުމަށް ހަމަޖެހިފައިވާއިރު، މީގެ ސަބަބުން، ރާއްޖޭގެ 16 އަތޮޅަކަށް އެމްއައިބީގެ ޚިދުމަތް ފޯރުކޮށްދެވިގެންދާނެއެވެ.
އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރައިން ހާމަކޮށްފައިވާ ގޮތުގައި މިމަސައްކަތް ހަވާލުކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަ ކުރުމަށެވެ.
މިކަމާއި ގުޅޭ ގޮތުން، ވަޒީރު ސަޢީދު ވިދާޅުވީ މި މަސައްކަތަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެއް ކަމުގައިވާ ރައްޔިތުންގެ މާލީ ބައިވެރުވުން ކަށަވަރުކުރުމަށް، ކުރެވޭ މަސައްކަތުގެ ދަށުން ފަށާފައިވާ މަސައްކަތެއް ކަމަށެވެ.
ވަޒީރު ވަނީ ރައީސްގެ މިވައުދުފުޅު ފުއްދަވައިދެއްވުމަށް މިކަމުގެ އެއް ބައިވެރިއެއް ގޮތުގައި އިސްލާމިކް ބެންކުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ.
”މާލީ މުހިންމު ޚިދުމަތްތަކެއް ލިބޭނެ ފަދަ އިންތިޒާމުތައް މުޅި ރާއްޖޭގެ ކޮންމެ ރަށަކުންވެސް ހަމަޖެހިގެން ދިއުން ރައީސްގެ ވަޢުދެއް. އަދި މިއީ ޑިޖިޓަލް އިކޮނޮމީގެ މުހިންމުގެ ތަނބެއް. ޑިޖިޓަލް އިކޮނޮމީއެއް ޤާއިމްކުރުމަށް އިސްލާމިކް ބޭންކުން ކުރެއްވާ މަސައްކަތަށް ޝުކުރު ދަންނަވަން “ ވަޒީރު ސަޢީދު ވިދާޅުވިއެވެ.
މިވަގުތު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެމްއައިބީގެ 39 އޭޓީއެމް ބަހައްޓާފައިވާއިރު، އެމްއައިބީ އިން ބުނީ މިއަދު ސޮއި ކުރި ފަހުމުނާމާގައިވާ އިތުރު 23 އޭޓީއެމް 19 ރަށެއްގައި ބެހެއްޓުމުގެ އިތުރުން، އެބޭންކުގެ ޚިދުމަތްތައް ފުޅާކުރަން އެމްއައިބީގެ އިތުރު ހިދުމަތްތައް ވެސް ރަށްރަށުގައި ގާއިމު ކުރާނެ ކަމަށެވެ.
އެމްއައިބީގެ އިތުރުން، ބެންކް އޮފް މޯލްޑިވްސް އިން ވެސް މިއަދު ވަނީ އިތުރު 109 އޭޓީއެމް ރާއްޖޭގެ އެކި ރަށްރަށުގައި ބެހެއްޓުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.




