ޗައިނާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ 80 ކޮންޕިޔުޓަރާއި 20 ލެޕްޓޮޕް އާއި ހަވާލުވުމަށް ދިވެހި ޚާރިޖިއްޔާއާއި ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިއަދު ސޮއިކޮށްފައިވާ މިފަހުމުނާމާގެ ޚާރިޖީ ވުޒާރާގެ ފަރާތުން ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ސޮއިކުރައްވާފައިވާއިރު، އެމްބަސީގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިންއެވެ.
މިފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޚަލީލް ވިދާޅުވީ ޗައިނާއިން ހަދިޔާކުރި އާލާތްތަކުގެ ސަބަބުން ރާއްޖޭގެ ޓެކްނިކަލް ދާއިރާ ކުރިއެރުވުމަށް މަގު ފަހިވާނެ ކަމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ތަރައްޤީކުރުމަށް ޗައިނާއިން ވެދެއްވި އެހީތެރިކަން މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ.
”މި އެހީއަކީ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތްގުޅުމުގެ ރަމްޒެއް. ޗައިނާއިން ދަނީ އަބަދުވެސް ރާއްޖެއަށް އެކި ދާއިރާތަކުން އެހީތައް ފޯރުކޮށްދެމުން. މިފަދަ އެހީތައް ރާއްޖެއަށް ފޯރުކޮށްދިނުމުގައި ޗައިނާގެ ސަފީރުކުރައްވާ މަސައްކަތަށް ޝުކުރު އަދާކުރަން.“ ވަޒީރު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިން ވިދާޅުވީ ރާއްޖެއާއި ޗައިނާއާ ދެމެދު ގުޅުން އުފެދިފައިވަނީ އިޙްތިރާމުގެ މައްޗަށް ކަމަށާއި މި ގުޅުމުގެ ދަށުން ރާއްޖެއަށް ގިނަ އެހީތަކެއް މިހާރުވެފައިވާ ކަމަށެވެ.
ކުރިއަށްއޮތް ތަނުގައި ޗައިނާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭން ނިންމާފައިވާ ބައެއް އެހީތަގެ ތެރޭގައި 1000 ސިވިލް ސާވަންޓުން ޗައިނާއަށް ގެންގޮސް ތަމްރީނު ކުރުމާއި، އިތުރު ދާއިރާތަކުގެ މީހުން ވެސް ޗައިނާއަށް ގެންގޮސް ތަމްރީންކުރުމަށް ހަމަޖެހިފައިވާކަމަށް ސަފީރު ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައި ވަނީ 80 ކޮންޕިޔުޓަރާއި 20 ލެޕްޓޮޕްއެވެ. މިއީ ލެނޮވޯ ބްރޭންޑްގެ އާލާތްތަކެކެވެ.



