ސްކޫލް ކުއްޖެއްގެ ދަބަސް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާ އާއި ހިއްސާކޮށްފައިވާ މެސެޖެއްގައި ބުނެފައި ވަނީ ނޮވެންބަރު 3 ވަނަ ދުވަހުގެ 8:48 ހާއިރު އަމީރުއަހުމަދުމަގު / ކަސްތޫރު ގޯޅި ހިމެނޭ ކަންމަތީ ޕާކުކޮށްފައި ހުރި ސައިކަލެއްގައި ބަހައްޓާފައި އިން ސްކޫލު ދަބަހެއް ވަގަށްނެގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ ނ. ވެލިދޫ / ހިފާޒް، އަޙްމަދު މާޖިދު (33އ) އެވެ.
ފުލުހުން ވަނީ އޭނާ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ ދަބަހާއި ދަބަސް، ދަބަހުގެ އެތެރޭގައި ހުރި ތަކެއްޗާއިއެކު ހޯދައި އޭގެ ވެރިފަރާތާއި ހަވާލުކޮށްފައެވެ.
މިމައްސަލަ އާއި ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ފުލުހުން މިމައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ހައްޔަރު ކުރުމުގެ ކުރިން ދަބަސް ނެގި ކުއްޖާގެ ބައްޕަ ވަނީ ސޯޝަލް މީޑިއާގައި އޭނާގެ ދަރިފުޅުގެ ދަބަސް ވަގަށް ނެގި ކަމަށް ބުނެ، ސީސީޓީވީ ފޫޓޭޖް ބަލައިގެން ވަގަށް ނެގި މީހާގެ ވަނަވަރާއި ފޮޓޯ އާއްމުކޮށް، ދަބަސް ހޯދުމަށް އާންމުންގެ އެހީއަށް އެދިފައެވެ.



