ސަރުކާރުގެ ހަކަތައިގެ ސިޔާސަތުގެ ދަށުން އިޔާދަކުރަނިވި ހަކަތައިގެ އައު ވަސީލަތްތައް ދިރާސާކުރުމަށްޓަކައި ރާޅުގެ ޑޭޓާ އެއްކުރެވޭނެ ޑިވައިސްއެއް ކ. ގުޅީ ކަނޑުއޮޅީގައި ސްޓޭޓް އިލެކްޓްރިކަލް ކޮމްޕެނީ (ސްޓެލްކޯ) އިން ޑިޕްލޮއި ކޮށްފިއެވެ.
މިކަން ހާމަކޮށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ވިދާލުވެފައިވަނީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ފަށްޓަވާފައިވާ %33 އިއާދަކުރަނިވި ހަކަތައިގެ ލަނޑުދަނޑިއަށް ވާސިލުވުމަށްޓަކައި ސްޓެލްކޯއިން ފަށާފައިވާ ރާޅު މޮނިޓަރކުރުމުގެ މަޝްރޫޢެއް ކަމަށެވެ.
އެގޮތުން މި ޑިވައިސްއިން ރާޅާއި ގުޅުންހުރި ގިނަ މަޢުލޫމާތުތަކެއް އެއްކުރެވިގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. އަދި އެ މަޢުލޫމާތުގެ އަލީގައި ރާއްޖޭގައި ރާޅުގެ ހަކަތައިން ކަރަންޓް އުފެއްދުމަކީ ފީޒިބަލް ކަމެއްތޯ ދެނެގަނެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެއިތުރުން މި ޑިވައިސްއިން ލިބޭ މަޢުލޫމާތައް ބިނާކޮށް މިކަމަކީ ފީޒިބަލް ކަމެއްކަމުގައިވާނަމަ، ވޭވް އެނަރޖީ ކޮންވަރޓަރެއް އިންސްޓޯލްކުރުމުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ރާޅުގެ ހަކަތަ ދިރާސާކުރުމުގެ ތެރެއިން، ސްޓެލްކޯއިން އާންމުކޮށް ބޭނުންކުރާ އިރުގެ އަލީގެ އިތުރުން އެހެން ދާއިރާތަކުން ދެމެހެއްޓެނިވި ހަކަތަ އުފެއްދުމުގެ ފުރުޞަތުތައް ތަނަވަސްކުރަމުންދެއެވެ. މި މަޝްރޫޢުގެ ދަށުން ޤައުމަށް ބޭނުންވާ ހަކަތައިގެ ވަސީލަތެއްގެ ގޮތުގައި ކަނޑުގެ ރާޅު ބޭނުންކުރެވިދާނެ މިންވަރު ދެނެގަތުމަށްޓަކައި ފުޅާ ދާއިރާއެއްގައި މަޢުލޫމާތު އެއްކުރުމާއި ދިރާސާކުރުން ހިމެނެއެވެ.



