ޕީއެންސީއަށް ތާއިދުކުރާ މެންބަރުންގެ ވިސްނުން ހުރީ ޕީއެންސީގެ މެމްބަޝިޕް 100،000 އަށް އިތުރުކުރުމަށް ކަމަށާއި، އަމާޒަކީ އެންމެ މަދުވެގެން ވެސް 90،000 ވުރެ އިތުރުކުރުން ކަމަށް ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު ޚިދުމަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަށް މިއަދު މާލޭގައި ކުރިއަށް ގެންދާ ހަރަކާތް ފެށުމުގެ ގޮތުން ނޫސްވެރިންނާއި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ އެޕާޓީއަށް 000’75 މެންބަރުން ވެއްދެން ކަމަށެވެ.
ވަޒީރު ވިދާޅުވީ އެހެންނަމަވެސް ޕާޓީގެ މެންބަރުންނާއި ސަޕޯޓަރުންގެ ވިސްނުން ހުރީ، ރައީސް ވިދާޅުވި މިންވަރަށް ވުރެއް ވެސް މަތިން 95،000 ނުވަތަ 100،000 އާއި ހަމައަށް މެންބަރުން އިތުރުކުރުމަށެވެ.
ޕީއެންސީގެ އަމާޒަކީ އެޕާޓީއަށް ވުރެއް ބޮޑު ޕާޓީއެއް ރާއްޖޭގައި ނާންނާނެ ވަރަށް ޕާޓީ ބޮޑު ކުރުންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތާއި ރައްޔިތުން ދެއްވާ ތާއިދަކީ އެއަމާޒަށް ވާސިލުވުމަށް އޮތް އެންމެ ބޮޑު ކާމިޔާބު ކަމަށެވެ.
”އަޅުގަނޑުމެންގެ އަމާޒަކީ އެންމެ މަދުވެގެން 90،000 އަށް ޕާޓީގެ މެމްބަޝިޕް އިތުރުކުރުން. އަމާޒަކީ އަހަރެއްހާ ދުވަހުގެ ތެރޭގައި ހުރިހާ ގޮތަކުން ބަލާއިރުވެސް ދިވެހިރާއްޖޭގަ އޮތް އެންމެ ވަރުގަދަ ޕާޓީއަށް ވެ، ދުވަހަކުވެސް އެހެން ޕާޓީއަކުން ނުހަދާ ވަރުގެ ރެކޯޑެއް ހެދުން“ ވަޒީރު ޝަރީފް ވިދާޅުވިއެވެ.
ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް އެޕާޓީން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އިދިކޮޅު ފަރާތްތަކުން ވަނީ ނުފޫޒުގެ ބޭނުންކޮށްގެން މެންބަރުން އިތުރު ކުރާ ކަމުގެ ތުހުމަތު އެޕާޓީގެ މައްޗަށް ކޮށްފައެވެ. މިއަށް ރައްދުދެއްވާ ވަޒީރު ޝަރީފް މިއަދު ވިދާޅުވީ ޕީއެންސީގެ ތެރޭގައި އެއްވެސް ވަރަކަށް ސިޔާސީ ނުފޫޒެއް ބޭނުންކޮށްގެން ނުވަތަ އެއްވެސް ނަހަމަ ގޮތެއްގައި ކުރާ މަސައްކަތެއް ނޯންނާނެ ކަމަށާއި، އެ ޕާޓީން މަސައްކަތް ކުރަނީ އެއަށްވުރެ މާ ދެފުށްފެންނަ ގޮތަކަށް، މާ ފުޅާ ދާއިރާއެއްގައި ހުޅުވާލައިގެން ކަމަށެވެ.
ކޮންމެ ހަފްތާ ބަންދެއްގައި ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ހަރަކާތްތައް ޕާޓީން ކުރިއަށް ގެންދާއިރު، މިއަދު މިއަދު ގްރޭޓާ މާލޭގެ އިތުރުން ރާއްޖޭގެ ހަތް ސަރަހައްދެއްގަ ޕާޓީގެ މެމްބާޝިޕް އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ޕީއެންސީން މައުލޫމާތު ދީފައިވެއެވެ.
މިއަދު ހަރަކާތުގައި ވަޒީރު ޝަރީފް ގެ އިތުރުން، މަޖިލިސް މެންބަރުންނާއި އެ ޕާޓީގެ އިސް ބޭބޭފުޅުންގެ އިތުރުން، ސަރުކާރުގެ އެކި ކުންފުނިތަކުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.




