ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތް ތަރައްޤީކުރާނެ ހަތަރު ސަރަހައްދެއް ވަޒީރުންގެ މަޖިލީހުން ކަނޑައަޅުއްވައިފިއެވެ.
މިއަދު ބޭއްވި ބޭސިކް މެރިކަލްޗަރ ކޯހުގެ ދެވަނަ ބެޗް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު، އަޙްމަދު ޝިޔާމް ވިދާޅުވީ މެރިކަލްޗަރ ސިނާޢަތް ވަކި ސިނާޢަތެއްގެ ގޮތުގައި ތަރައްޤީކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށާއި، ރާއްޖޭގައި މެރިކަލްޗަރ ތަރައްޤީކުރުމަށް 4 ސަރަޙައްދެއް ވަޒީރުންގެ މަޖިލީހުން ކަނޑައަޅުއްވާފައިވާކަމަށެވެ.
އެ 4 ސަރަހައްދަކީ ބޮޑު ތިލަދުންމައްޗާއި، ރ.އަތޮޅާއި މ.އަތޮޅުގެ އިތުރުން ތ. އަތޮޅު އަދި މީގެއިތުރުން މަނިޔަފުއްޓާއި ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުގައި އޮތް ފަޅެއްވެސް މިކަމަށްވަނީ ކަނޑައަޅާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިހާރު އެސަރަހައްދުތަކުގައި މެރިކަލްޗަރގެ މަސައްކަތް ކުރަން ބޭނުންވާ ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
”މިއީ ރާއްޖޭގައި ކުރެވޭނެ ކަމެއްކަން އިންވެސްޓަރުންނަށާއި ދިވެހިންގެ ތެރެއިން މިކަން ކުރަން ޝައުގުވެރިވާ ފަރާތްތަކަށް ދައްކަން އަޅުގަނޑުމެންނަށް ޖެހޭނީ. އެކަން ކުރެވުމުން ހަމަ ޔަގީން މިއީ އާމްދަނީ ލިބޭ ވަރުގަދަ ސިނާޢަތަކަށް ވެގެންދާނެކަން.“ ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން ވަނީ މިމަސައްކަތް ކުރާ އެހެން ގައުމުތަކާއި ބަލާއިރު މިކަން ކުރުމަށް ބޮޑެތި ލުއިތަކެއް ދިނުމަށް ނިންމާފައެވެ. އެގޮތުން ރަސްމީކޮށް މިމަސައްކަތަށް ސަރުކާރުން ޚާއްސަކޮށްފައިވާ 4 ސަރަޙައްދުން ނަގާ ބިމަށް ލޭންޑް އެކުއިޒިޝަނަށް ފައިސާ ނުނަގާގޮތަށާއި، ފުރަތަމަ 3 އަހަރުގެ ބިމު ކުލި ނުނެގުމުގެ އިތުރުން، މިމަސައްކަތަށް ބޭނުންވާ ވަޞީލަތް ރާއްޖެ އެތެރެކުރުމަށް ޑިއުޓީ މާފުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.


