އަޒަރުބައިޖާންގެ ގައުމީ އެއާލައިނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުތައް ފަށައިފިއެވެ.
މިއަދު ހެނދުނު 09:45 ގައި އަޒަރުބައިޖާން ގައުމީ އެއާލައިންގެ ފުރަތަމަ ފްލައިޓް ވަނީ އެގައުމުގެ ވެރިރަށް ބަކޫ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވާއިރު، މިފްލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ސީ.އޯ.އޯ ޝަރީފްގެ އިތުރުން، އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަމްޢާން، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަތީފްގެ އިތުރުން ކުންފުނީގެ އިސްބޭފުޅުން ވެސް ވަނީ މިރަސްމިއްޔާތުގައި ބައިވެރިވެޑައިގެންފައެވެ.
އެމްއޭސީއެލްގެ ޗީފް ކޮމާޝަލް އޮފިސަރ މުޙައްމަދު މިހާދު ވިދާޅުވެފައިވާ ގޮތުގައި މި އައު ރޫޓުގެ ސަބަބުން ދެ ޤައުމުގެ މެދުގައި ދަތުރުފަތުރުގެ ގުޅުން ވަރުގަދަވެ، އަޒަރުބައިޖާނުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފަސޭހައިން ދަތުރުކުރެވޭނެ މަގު ހުޅުވިގެންދާނެއެވެ.
އަޒަރުބައިޖާން އެއަރލައިންސްގެ ޗީފް ކޮމާޝަލް އޮފިސަރ ޖަމީލް މަނިޒާޑޭ ވިދާޅުވީ ވިންޓަރ ސީޒަންގައި ރާއްޖެ ފަދަ މަޤްބޫލު މަންޒިލަކަށް ސީދާ ދަތުރުތައް ފެށުމަކީ އަޒަރުބައިޖާނުގެ ފަތުރުވެރިންނަށް ލިބޭ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.
ބަކޫ އާއި ވީއައިއޭ އާއި ދެމެދު އަޒަރުބައިޖާން އެއާލައިންސްއިން ހަފްތާއަކު ދެ ފްލައިޓެއް އޮޕަރޭޓްކުރުމަށް ވަނީ ނިންމާފައިވާއިރު، މި ދަތުރުތަކުގައި ބޭނުންކުރާނީ އެއަރބަސް ބީ787 މަރުކާގެ މަތިންދާ ބޯޓެވެ.


