ބަރަހަނާ މަންޒަރުތައް ދައްކާ ޙަފުލާތައް ބޭއްވުމަކީ މުސްލިމުން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިއަދު މީސްމީޑިއާގެ މަންސެއްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ގައުމުގެ އިޖުތިމާޢީ ކަރާމަތު ނަގަހައްޓައި އިސްލާމީ ސަގާފަތް ރައްކާތެރި ކުރަން ޖެހޭ ކަމަށެވެ.
”ބަރަހަނާ މަންޒަރުތައް ދައްކާ ޙަފްލާތައް ބޭއްވުމަކީ މުސްލިމުން ކޮށްގެންވާނެ ކަމެއްނޫން. ޤައުމުގެ އިޖްތިމާޢީ ކަރާމަތު ނަގަހައްޓައި އިސްލާމީ ސަޤާފަތު ރައްކާތެރިކުރަންޖެހޭ. ޤުރުއާން ބާވައިލެއްވުނީ ހިދާޔަތެއްގެ ގޮތުގައި“ ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ޤުރުއާން ބާވައިލެއްވުނީ ވެސް ހިދާޔަތެއްގެ ގޮތުގައި ކަމަށް ވަޒީރު ކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ވަޒީރު މިހެން ވިދާޅުވީ، އައްޑު އަތޮޅު ކެނެރީފް ރިސޯޓުގައި ބާއްވާ 15 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް ކުރިއަށްދާ ދަނޑިވަޅެއްގައެވެ.
އަންހެނުންނާއި ފިރިހެނުން ބައިވެރިވެގެން ކުރިއަށް ގެންދާ މުބާރާތުގައި، އިސްލާމީ މުޖުތަމައަކާއި އެކަށީގެން ނުވާ ގޮތަށް ހެދުން އަޅާފައިވާ ކަމަށް ބުނެ އާއްމުންގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިއިވެންޓުގެ އެންމެ ފަހު މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ.




