ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު، ރަސްމާލެ ހިއްކުމުގެ މަސައްކަތް މިއަދު އަލުން ފަށައިފިއެވެ.
މިމަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފަށާފައި ވަނީ ހުސްވި އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.
މަސައްކަތް ފަށާތާ އަށް މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭ ގޮތަށް މިމަޝްރޫއުގެ ފަށާއިފައިވީ ނަމަވެސް، މަޝްރޫއު ކުރިއަށް ގެންދަން އިތުރު ގޮތްތަކެއް ހޯދަންޖެހި، މަޝްރޫއު މަޑުޖެހިފައި އޮންނަތާ މިހާރު ދުވަސްތަކެއްވެފައިވަނިކޮށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ވަނީ މިމަޝްރޫއުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށް ބުނެފައެވެ.
އެޗްޑީސީއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ރަސްމާލެ ހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވާ ކަމަށެވެ.
ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމެއް ފުރަތަމަ ހަދާފައި ވަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ އެކުގައެވެ. އެހެންނަމަވެސް ކޮންޓްރެކްޓަރަށް ބިންތަކެއް ނުދީ މަޝްރޫއު ގެންދަން ބޭނުންވާ ކަމަށް ބުނެ ސަރުކާރުން ވަނީ އެކޮންޓްރެކްޓް ފަހުން ބާތިލު ކޮށްފައެވެ.
މިމަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރުން ބޭނުންވީ ކޮންޓްރެކްޓަރުން މެދުވެރިވެގެން ފައިނޭންސް ހަމަޖައްސައިގެން ޕްރޮޖެކްޓް ކުރިއަށް ގެންދާށެވެ.
ސަރުކާރުން ނިންމާފައި ވަނީ ފުށިދިއްގަރުފަޅުން 1،153 ހެކްޓަރުގެ ބިން ހިއްކާ އެ ތަނުގައި 30،000 އެއްހައި ހައުސިން ޔުނިޓު އެޅުމަށެވެ.
މިމަޝްރޫއުގެ ސަބަބުން ބޯހިޔާވަހި ކަމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވޭއިރު، ސަރުކާރުން ވަނީ މިމަޝްރޫއަށް 2025 ވަނަ އަހަރުގެ ބަޖެޓުން 600 މިލިއަން ރުފިޔާ އަދި 2026 ވަނަ އަހަރު 350 މިލިއަން ރުފިޔާ ހިމަނަން ރާވާފައެވެ.



