މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި އައްޑޫ ސިޓީ މަރަދޫފޭދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ، ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މިއޮޕަރޭޝަނުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ހއ. ކެލާ / ވައިޓްސިގްނަލް، އާދަމް ޝަރޫފް (25އ) އެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ގަން ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މަރަދޫފޭދޫ މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 12 ސެލޯފިންކޮޅު، އޭނާ ދުއްވި ސައިކަލުގެ މަޑިދަށުން ފެނިފައިވާތީ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ވަނީ މިމައްސަލަ އާއި ގުޅިގެން ކޯޓުއަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައިފާސްކޮށްފައެވެ. އަދި އޭނާ ދިރިއުޅޭ ގެ ބަލައި ފާސް ކުރުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ނުވަ ދަޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިމައްސަލަ އާއި ގުޅިގެން އޭނާގެ ބަންދާއި މެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތައް އޭނާ ބަންދު ކުރުމަށް އަމުރު ކޮށްފައެވެ.
މިމައްސަލަ އާއި ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވާއިރު ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.



