ދިވެހިރާއްޖޭގެ އާބާދީއާއި ތަރައްގީ އެއްފަސްކޮށްގެން މެނުވީ ހުރިހާ ދިވެހީންނަށް ބޭނުންވާ ޚިދުމަތެއް ނުދެވޭނެ ކަމަށް ގެދޮރުވެރިކަމާ ބިމާ ޢުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަޙުމަދު ވިދާޅުވެއްޖެއެވެ.
އާރބަން ސެންޓަރުތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވާ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މާލެ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ 186 ރަށް އޮތްއިރު، އޭގެ ތެރެއިން 55 ރަށަކީ އާބާދީގައި 500 މީހުން ވެސް ހަމަނުވާ ރަށްތައް ކަމަށެވެ.
މިރަށްތަކަށް އަސާސީ ޚިދުމަތްތައް ވެސް އެންމެ އެކަށީގެންވާ ގޮތެއް ފޯރުކޮށްނުދެވޭކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިފަދަ އާބާދީ މަދު ރަށްތައް ތަރައްގީ ކުރުމުގެ ބަދަލުގައި ވަކި ރަށްތަކަކަށް އަމާޒުކޮށްގެން ތަރައްގީ ގެނެވިއްޖެނަމަ، ޚިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވާން ޖެހިފައި އޮތްއޮތުމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި އާބަން ސެންޓަރުތަކެއް ތަރައްގީކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ވެސް މިއީ ކަމުގައި ވަޒީރު ވިދާޅުވިއެވެ.
”އޭގެ ފައިދާ މުޅި މުޖުތަމައަށް ވާނެ. މާލެއަށް ކޮންމެ ފަހަރަކު ޚިދުމަތެއް ހޯދަން އަންނަން ނުޖެހޭނެ ރައްޔިތުންނަކަށް. އެހެންވީމާ ރައްޔިތުންނާ ގާތުން އެ ހުރިހާ ޚިދުމަތްތަކެއް ލިބޭނެ ގޮތެއް ހަމަޖެހިގެންދާނެ. އެހެންވީމާ އެއީ އެންމެ ބޮޑު ބޭނުމަކީ، މަގުސަދަކީ އާބަން ސެންޓަރުތަކެއް ގާއިމުކޮށް، އެ ރަށްތަކަށް ފޯކަސްކޮށް އިންވެސްޓްމަންޓްތަކެއް ގެނައުން،“ ވަޒީރު ވިދާޅުވިއެވެ.
އަތޮޅު ތެރޭގައި 7 އާބަން ސެންޓަރު ގާއިމު ކުރުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަމަކަށްވާއިރު، ވަޒީރު ވިދާޅުވީ އާބަން ސެންޓަރުގެ ގޮތުގައި ތަރައްގީކުރާނެ ރަށްތައް ކަނޑައެޅުމުގައި ބަލާފައިވާނީ އެ ރަށަކަށް ކޮށްފައިވާ އިންވެސްޓްމަންޓުތަކަށެވެ.
އެގޮތުން ރަށްތައް ކަނޑައުޅުމުގައި ސިއްހީ، ތައުލީމީ އަދި އުމްރާނީ އެހެނިހެން ޚިދުމަތްތައް ދެވިފައިހުރި މިންވަރާއި، ރަށް އިތުރަށް ބޮޑުކުރެވޭނެތޯ، ބަލާފައިވާނޭ ކަމަށް ވަޒީރު ބުނެފައިވެއެވެ.
ހަތް އާބަން ސެންޓަރު ވެސް މެދުރާއްޖޭގެ ތެރޭގައި ތަރައްގީކުރުމަށް ކަނޑައެޅިފައިވާއިރު، ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް ދެ ސަރަހައްދެއް އާބަން ރީޖަންގެ ގޮތުގައި ތަރައްގީ ކުރުމަށް ވަނީ ނިންމައިފައެވެ.



