އިސްރާއީލު ޕާސްޕޯޓު މަނާކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އަދި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މުޤައްރިރުގެ ނާއިބު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
އިސްރާއީލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލުގެ މަސައްކަތް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ އިން ބެލުމަ ބިލާ ގުޅިގެން ބާއްވާ އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އަންގާރަ ދުވަހު ހެނދުނު 9:30 އަށް ތާވަލުކޮށްފައިވާއިރު، ފަލާހު ވިދާޅުވީ ކޮމިޓީ މަރުހަލާގައި މި ބިލު ދިރާސާ ކުރުމަށް ފަހު ކަމާ ގުޅުންހުރި އިދާރާތަކުގެ ލަފަޔާ މަޝްވަރާ ހޯއްދަވާނެކަމަށެވެ.
ފަލާހު އިތުރަށް ވިދާޅުވީ މަސައްކަތް ކުރާނީ ވީހާ ވެސް އަވަހަށް މިބިލުގެ މަސައްކަތް ނިންމުމަށް ކަމަށެވެ.
”ފުރަތަމަ އޮންނާނީ ބިލުގެ ސުންގަޑި ކަނޑައެޅުން. ކަމާ ގުޅުން ހުރި ފަރާތްތަކަށް ކޮމެންޓް ފޮނުވާނަން. ކޮމިޓީ މަރުހަލާގައި ކަމާ ގުޅުން ހުރި މީހުން ގެނެސް ލަފަޔާ އިރުޝާދު އަދި މަޝްވަރާވެސް ހޯދާނެ.“ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވިއެވެ.
މިއަހަރުގެ ޖޫން މަހުގެ ކުރީކޮޅު ހުށަހަޅާފައިވާ މިބިލަކީ ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާއި ދެކޮޅު ހެދުމުގެ ގޮތުން ޔަހޫދީ އިސްރާއީލުގެ ޕާސްޕޯޓު މަނާ ކުރުމަށް ހުށަހަޅާފައިވާ ބިލެކެވެ.
ފަލާހު ހާމަކޮށްފައިވާ ގޮތުގައި ބިލު އެޖެންޑާ ކުރުމުގެ ކުރިން އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށްދިޔައެވެ.
ކޮމިޓީގެ މަރުހަލާގައި އެންމެ ފުރަތަމަ ބިލުގެ މަސައްކަތް ނިންމާނެ ތާރީހެއް ކަނޑައެޅުމަށްފަހު، ބިލު އިތުރަށް ދިރާސާކޮށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ވެސް ކުރާނެއެވެ.


