ވެރިކަމަކީ ވެރިކަން ކުރާ މީހާއަށް ލިބޭ މުދާގަނޑެއް ނޫން ކަމަށާއި، އެއާއި ޚިލާފަށް ވެރިކަމަކީ، ވަރުގަދަ ޒިންމާއެއް އަދި ބޮޑު އަމާނާތެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވެރިކަމަކީ އެއްވެސް ހާލެއްގައި ލިބޭ މާބޮޑު މޮޅެއް ނޫން ކަމަށާއި އެއީ ވެރިކަން ކުރާ މީހާގެ މައްޗަށް އެޅިފައިވާ ވަރަށް ބޮޑު ޒިންމާއެއް، މަސްއޫލިއްޔަތެއް އަދި ބޮޑު އަމާނާތެއް ކަމަށެވެ.
”ވެރިކަމަކީ އެއްވެސް ހާލެއްގައި ލިބޭ މާބޮޑު މޮޅެއް ނޫން. އެއިކީ ވެރިކަން ކުރާ މީހާއަށް ލިބޭ މުދާގަނޑެއްވެސް ނޫން. އެއާއި ޚިލާފަށް ވެރިކަމަކީ ވަރުގަދަ ޒިންމާއެއް. ވަރުގަދަ މަސްއޫލިއްޔަތެއް. ވަރަށް ބޮޑު އަމާނާތެއް“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިސްލާމީ ދައުލަތެއް ގާއިމުވެ، އެދައުލަތުގެ ވެރިކަން ފެތުރި ތަނަވަސްވެ ދިއުމާއިއެކު ކީރިތި ރަސޫލާ ﷺ އަށްފަހު، އެދައުލަތުގެ އިސް މަސްއޫލިއްޔަތު ޚުލަފާއު ރާޝީދޫންގެ އެންމެހާ ޚަލީފާއިން ވެސް ދެކެވަޑައިގެން އަދި ހިންގެވި މަގަކީ މިދެންނެވި ފުރިހަމަ މާނާއިގެ މަގުކަމަށެވެ.
”އެއީ ވަރަށް ބުރަ މަސްއޫލިއްޔަތެއް ކަމާއި، ވަރަށް ބޮޑު އަމާނާތެއްކަމާއި، ވަރަށް ވެސް ޚުތޫރަތްތެރި ޒިންމާއެއްކަން ދެނެވަޑައިގެން އެގޮތުގެ މަތިން ކަން ހިންގެވި ސީދާ މަގު. އެއްވެސް ހާލެއްގައި އެއީ ލިބިވަޑައިގެން މޮޅަކާއި ޝަރަފެއް ނޫން ކަމާއި، ލެއްގި މުދާ ދެނެވަޑައިގަތުމުގެ މަގުމެ. ޚުލަފާއުއް ރާޝިދޫންގެ ބޭކަލުންނަށްފަހު ވަރަށް މަދު ވެރިއަކު މެނުވީ މިސީދާ މަގުން ހިންގެވިފައި ނުވާކަން ތާރީޚުން އިންގޭ“ ރައީސް އެމަނިކުފާނުގެ ބައްޕާފުޅު އަލްމަރްހޫމް ފަޟީލަތު ޝެއިޙް ޙުސައިން އަބްދުލްރަޙްމާން ލިޔުއްވާފައިވާ ’ދައުލަތާއި ވެރިންނާއި މަސްއޫލިއްޔަތު އަދި ކިޔަމަންވުމުގެ މަފްހޫމް‘ ފޮތުގެ 157 ވަނަ ޞަފްހާއަށް ހަވާލާދެއްވާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ބައްޕާފުޅުގެ ފޮތް ބައްލަވާފައިވާ އަދި ކިޔުއްވާފައިވާ ކޮންމެ ބޭފުޅަކު ވެސް އެފޮތަކީ ވެރިކަމާއި ގުޅޭ ގޮތުން، ރައްޔިތުންނާއި ވެރިންނާއި އޮތް ގުޅުމާއި ބެހޭ ގޮތުން މަސްއޫލިއްޔަތު ވެރިން އަދާކުރަން ޖެހޭ ގޮތާއި ބެހޭ ގޮތުން އިލްމީ ނަޒަރަކުން އަދި ދީނީ ނަޒަރަކުން އިސްލާމީ ތާރީހުގެ އަލީގައި އަދި ރާއްޖޭގެ ގާނޫނާއި ގާނޫނުއަސާސީއަށް ރިއާޔަތްކޮށް ވަރަށް އިލްމީ ގޮތެއްގައި ވަރަށް ވަށާޖެހޭ ގޮތެއްގައި ލިޔުއްވާފައިވާ ފޮތެއްކަން ގަބޫލުކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެފޮތުގެ ފިހުރިސްތުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބަލައިލުމުން އެފޮތަކީ ކޮންމެ މީހަކުވެސް ތިމަންމެންގެ ވެރިޔަކަށް މީހަކު ހޮވައިގެން އެހަވާލުކުރާ ޒިންމާ އަދާކުރަނީ ރަނގަޅަށްތޯ ބެލުމުގައި ބަލަންވީ ހުރިހާ ކަމެއްހެން ބަޔާންކޮށްފައިވާ ފޮތެއް ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އެފޮތަކީ އެމަނިކުފާނުގެ ގައިޑް ފޮތް ކަމަށާއި، އެމަނިކުފާނު މިއަދާއި ހަމައަށް ބަލަމުން އައިސްފައި ވަނީ އެފޮތަށް ކަމަށެވެ.
”އަޅުގަނޑުގެ ’ގައިޑް ބުކް‘ އަކީ މިފޮތް. އަޅުގަނޑު މިއަދާއި ހަމައަށްވެސް ބަލަމުން އައީ މިފޮތް. އެއީ މީގައި ކީރިތި ޤުރުއާނުގެ އަލީގައި ކީރިތި ރަސޫލާ ސުންނަތުގެ އަލީގައި ދެންމެ ދެންނެވި ފަދައިން، އިސްލާމީ ތާރީހުގެ އަލީގައި އަދި ރާއްޖޭގެ ގާނޫނުއަސާސީ އާއި ގަނޫނުތަކަށް ރިއާޔަތްކޮށް، ރާއްޖޭގެ ކޮންޓެކްސްޓުގައި ވަރަށް ވަށާޖެހޭ ގޮތެއްގައި ބައްލަވާލައްވާފައިވާތީވެ، އަޅުގަނޑަށް މިފޮތުން ވަރަށް ގިނަ ކަންތައްތައް އެނގި ހާމަވެގެންދޭ“ ރައީސް ވިދާޅުވިއެވެ.



