ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫހެއް ދެން ރާއްޖެއަކު ނޯންނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ކެމްޕެއިން ތެރޭގައި ވެސް ވައުދުވެޑައިގެން ފަދައިން މިގައުމުން ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫހު ނައްތާލާފައިވާ ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސިޔާސީ ވާދަވެރިޔަކަށް ވީތީވެ ހިފާ ހައްޔަރުކޮށް، ޖަލަށްލާ ތަނެއް މިހާރު ނުފެންނާނެ ކަމަށެވެ. އެގޮތުން އެ މަނިކުފާނުގެ ވެރިކަމުގެ ފާއިތުވި 1 އަހަރު ދުވަހުގެ ތެރޭގައި އެކަން ނުފެންނާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
”ސީޔާސީ މީހަކަށްވީތީވެ އަޅުގަނޑުގެ ވާދަވެރިޔާ، އެއީ ސިޔާސީ ވާދަވެރިޔަކަށްވީތީ ގެންގޮސް ހިފާހައްޔަރުކޮށް ޖަލަށްލާތަނެއް ނުފެންނާނެ، މިދިޔަ އެއްއަހަރު ތެރޭގައި ނުފެންނާނެ. ކުރިއަށް އޮތް ތާންގައިވެސް ނުފެންނާނެ“ ރައީސް ވިދާޅުވިއެވެ.
ނަމަވެސް މީގެ ކުރީގެ ސަރުކާރުތަކުގައި އެކަން ކޮންމެވެސް ވަރަކަށް ފެނިގެން ދިޔަ ކަމަށާއި، އެކި ގޮތްގޮތުން ފްރޭމްކޮށްގެން ނުވަތަ އެނޫން ގޮތްގޮތަށް ވެސް ސިޔާސީ ވާދަވެރިން ހައްޔަރުކޮށް ޖަލަށްލައި އަނިޔާކޮށްފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. ރައީސް ވިދާޅުވީ މިވެރިކަން ފެށުމަށްފަހު، ސިޔާސީ މީހުން ދުރަށްލައި އެއްކައިރި ކުރުމުގެ ޒަމާން މިގައުމުން ތާއަބަދަށް ނެތިގެން ގޮސްފައިވާ ކަމަށާއި އެކަން މިގައުމުން ދެން ނުފެންނާނެ ކަމަށެވެ.
މީގެއިތުރުން، ރައީސް ވިދާޅުވީ މިސަރުކާރުން ރިޔާސީ ކޮމިޝަންތައް ހަދައިގެން ކުރީގެ މީހުން ކުރަމުންދިޔަ ކަންކަމަށް ސިޔާސީ ގޮތުން ވަދެގެން ކަންކަން ކުރާތަން ނުފެންނާނެ ކަމަށެވެ. އެހެންނަމަވެސް ވައްކަންކޮށް، ދައުލަތުގެ މުދާ ނުހައްގުން ހޯދާފައި ހުރި ކަމުގައިވާނަމަ އެކަންކަން ބައްލަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ހައްގުތަކަށް ހަގީގަތުގައި ވެސް އަރައިގަނެފައިވާ ކަމުގައިވާނަމަ އެކަމެއް ބެލުމަށް ކަނޑައަޅާފައި އޮންނަ އުސޫލުގެ ތެރެއިން އެފަދަ ކަންކަން ބަލާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
”މިނިވަން މުއައްސަސާތައް އެބަހުރި، ދުސްތޫރީ ނިޒާމު އެބައޮތް، ޝަރުއީ ނިޒާމު އެބައޮތް. ނިޒާމުގެ ތެރެއިން ކަންކަން ބެލޭނެ. ކުރިން އެފެނުނު ގޮތަށް އެކިކަހަލަ ކޮމިޝަންތައް ހަދައިގެން ސިޔާސީ ގޮތުން މީހުންގެ ފަހަތުން ދުވެ، ގައުމުގެ ހަމަޖެހުން ނަގާލައި ބަދަލު ހިފުމުގެ ރޫހު ގެނައުން އެއީކީ ރައްޔިތުން އެދޭ ގޮތެއް ނޫން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވީ މިކަންކަން ހަމައަކަށް އަޅުވަން ކަމަށާއި ގައުމަށް ހަމަޖެހުން ގެނެސްދިނުމަށް ކަމަށެވެ. އަދި އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ފަޅީގައި ހުރެގެން ހެޔޮ ވެރިކަމެއް ކޮށްދެއްވަން ކަމަށް ވެސް ވިދާޅުވިއެވެ.




