ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމުމުން ދިވެހި ސަރުކާރުގެ ފަރާތުން އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ބެއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ކުރީ ސަރުކާރުން ކަނޑުން ގެއްލުވާލި ބައި ހޯދުމަށް ސަރުކާރުން ރެޔާއި ދުވާލު މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން، ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން އިއުލާނު ކުރުމުން އިނގިރޭސި ސަރުކާރަށް ދިވެހި ސަރުކާރުގެ ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ.
”އެތަނަކީ އަޅުގަނޑުމެންގެ ރަސްރަސްކަލުންގެ ލިޔެކިޔުންތަކުން ވެސް ފެންނަން ހުރިފަދައިން، އެހެން ގައުމަކަށް ވުރެ ބޮޑަށް ދިވެހިރާއްޖެ އަށް މާ އައުލާކަން ބޮޑު، ރާއްޖޭގެ ތަނެއްގެ ގޮތުގައި ވެސް ބެލިދާނެ ކަމެއް ކަމަށް ތާރީހީ ގޮތުން ފެންނަން އެބަހުރި. އެކަން ފާހަގަކޮށް އަޅުގަނޑުމެން މިހާރު ވާނީ ސިޓީއެއް ފޮނުވާފަ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު އުއްމީދު ކުރައްވަނީ އިންސާފުވެރިކަމާއިއެކު އެކަމުގައި ގޮތެއް ނިންމެވުން ކަމަށެވެ. އަދި ޒިންމާ އިން ރެކިވަޑައިނުގަންނަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް އިނގިރޭސީން ކަނޑައެޅީ އެކަމާއި ގުޅޭގޮތުން ވަރަށް ގިނަ ޒަމާންތަކެއްވަންދެން މަޝްވަރާކުރުމަށްފަހުއެވެ.
އެގޮތުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް އިނގިރޭސީން ނިންމުމާ ގުޅިގެން އިނގިރޭސިވިލާތާއި މޮރިޝަޝްސް މުއާހަދާއެއްގައި ސޮއިކުރާނެއެވެ. އަދި އިނގިރޭސީންގެ އަސްކަރީ މަރުކަޒެއް އޮތް ޑިއެގޯ ގާސިއާގެ ކޮންޓްރޯލް ނުގެއްލޭ ގޮތަށް ޗާގޯސްގެ ސިޔާދަތީ ބާރުވެރިކަން މޮރިޝަސްއާ ހަވާލު ކުރެވިގެންދާނެއެވެ.




