މި މަހު 20 ގައި ފެށުމަށް ހަމަޖެހިފައިވާ ’ގޯލްޑް ކަޕް‘ ގައި ވާދަކުރާ ގދ. ފަރެސްމާތޮޑާ ފުޓްބޯޅަ ޓީމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ފަރެސްމާތޮޑާ ފުޓްބޯޅަ ޓީމުން ބުނެފިއެވެ.
ފަރެސްމާތޮޑާ ޓީމް މެނޭޖަރު އިބްރާޙިމް ސޮބާޙް ”ސައުވީސް“ އަށް ވިދާޅުވީ ނައިބު ރައީސް ފަރެސްމާތޮޑާ ޓީމުގައި މިފަހަރު ކުޅުއްވާނެ ކަމަށެވެ.
”އަޅުގަނޑުމެންގެ ޓީމުގައި ހަމަ ކުޅުއްވާނެ ނައިބު ރައީސް“ ސޮބާޙް ވިދާޅުވިއެވެ.
ނައިބު ރައީސް އަކީ އަބަދުވެސް ފުޓްބޯޅަ ކުޅުއްވާ ބޭފުޅެއްކަން ފާހަގަކުރައްވާ ޓީމު މެނޭޖަރު ސޮބާޙް ވިދާޅުވީ މިމުބާރާތުގައި ނައިބު ރައީސް ފެނިވަޑައިގަންނަވާނީ 23 ނަންބަރު ޖާޒީގައި ކަމަށެވެ.
”ރަށް ތަމްސީލު ކުރައްވާ ޓީމުގައި ބައިވެރިވެ ކުޅެން ނައިބު ރައީސްއަށް ދައުވަތު އެރުވުމުން އެމަނިކުފާނު ވަނީ އެދައުވަތު ގަބޫލުކުރައްވާފަ“ ޓީމު މެނޭޖަރު ސޮބާޙް ވިދާޅުވިއެވެ.
ނައިބު ރައީސް އަކީ އަބަދުވެސް ގަވާއިދުން ފުޓްބޯޅަ ކުޅުއްވާ ބޭފުޅެކެވެ. އެމަނިކުފާނު މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު ވެސް ނުރަސްމީ މުބާރާތްތަކުގައި ކުޅުއްވާފައިވާއިރު، މިފަހަރު އަލަށް ބާއްވާ ’ގޯލްޑް ކަޕް‘ މުބާރާތުގައި ނައިބު ރައީސް ތަމްސީލު ކުރައްވާ ފަރެސްމާތޮޑާ ޓީމަކީ މީގެ ކުރިން މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވެސް ސެމީ ފައިނަލާ ހަމަޔަށް ދަތުރުކޮށްފައިވާ ޓީމެކެވެ.
މިފަހަރުގެ ޓީމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ސޮބާޙް ވިދާޅުވީ ޓީމުގައި ތަޖުރިބާ ހުރި ހަތަރު ކުޅުންތެރިން ތިބޭނެ ކަމަށާއި ދެން ތިބޭނީ 23 އަހަރުންދަށުގެ ކުޅުންތެރިން ކަމަށެވެ. އަދި ޓީމުގައި ސްރީލަންކާއަށް ނިސްބަތްވާ ދެކުޅުންތެރިން ހިމެނޭކަން ފާހަގަކުރައްވާ ސޮބާޙް ވިދާޅުވީ އޭގެތެރެއިން އެއްކުޅުންތެރިޔަކީ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިޔެއް ކަމަށެވެ.
ނައިބު ރައީސް ތަމްސީލު ކުރައްވާ ޓީމުގެ ކޯޗެއްގެ ގޮތުގައި އަހުމަދު ނާޝިދު (ނާދު) އެވެ.



