އިޒްރޭލަށް ވާގިވެރިވާ ގައުމުތަކުން ހަތިޔާރު ފޯރުކޮށްދީފައި ސުލްހައަށް ގޮވާލެވޭނެ ގޮތެއް ނޯންނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސައުދީ އަރަބިއްޔާގައި ކުރިއަށް ދިޔަ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ބާރު ހުރި ގައުމުތަކުން އަޅާ ނުލައި ތިބުމުގެ ސަބަބުން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ ފުރާނައިގެ އަގެއް މިހާރު ނެތް ކަމަށެވެ.
އިޒްރޭލުން ފަލަސްތީނުގެ މައްޗަށް އަނިޔާވެރިވާ ވާހަކައަކީ ފާއިތުވީ 13 މަސް ދުވަހު ދައްކާ ވާހަކައެއް ނޫން ކަމަށާއި މިއީ އެތައް އަހަރެއްވެފައިވާ މައްސަލައެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ މެދުގައި ހިންގަނީ ނިރުބަވެރިކަމުގެ އަމަލުތަކެއް ކަމަށެވެ.
މީގެއިތުރުން، ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިޒްރޭލުން ޕަލަސްތީނުގެ ރައްޔިތުންގެ މައްޗަށް ހިންގަމުން ގެންދާ ގަތުލުއާންމުގައި މިހާތަނަށް ފަލަސްތީނުން 50،000 އާ ގާތްކުރާ އަދަދަކަށް މީހުން އަދި ލުބުނާނުން 1000 ވުރެއް ގިނަ މީހުން ޝަހީދުކޮށްލާފައިވާކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކޮށްފައެވެ.
”ކޮންމެ މަރަކީ ބޮޑު ހިތާމަވެރި ހާދިސާއެއް. އާއިލާތައް ރޫޅިގެން ގޮސްފި. ތުއްތު ކުދިން ވަނީ ޔަތީމުވެ، އެކަނިވެރިވެފައި. އުންމީދުތައް ވަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި. ހަގީގަތަކަށްވުމުގެ ކުރިން ހުވަފެންތައް ކަފުންވެ ނިމިއްޖެ. މިގޮތަކަށް މިކަމެއް ކުރިއަކަށް ނުގެންދެވޭނެ،“ ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ބާރު ހުރި ފަރާތްތަކުން އަޅާ ނުލައި ތިބުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެ އަނިޔާވެރިކަން ކުށްވެރި ކުރާ އަޑުތައް ކަނޑުވާލާ ކަމަށާއި ބާރުގަދަ ގައުމުތަކުގެ އަމަލުތަކުން، ފަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ ފުރާނައިގެ އަގެއް ނެތް ކަން މުޅި ދުނިޔެ އަށް ދައްކުވައިދީފައިވާ ކަމަށެވެ.
”އެ ފަރާތްތަކުގެ (ބާރުގަދަ ގައުމުތަކުން) އިސްކުރާ ހިމޭންކަމާއި އަޅާ ނުލައި ތިބުމުގެ ސަބަބުން، އިޒްރޭލުގެ އަނިޔާވެރިކަން އިންތިހާއަށް އިތުރުވޭ،“ ރައީސް ވިދާޅުވިއެވެ.
މިގައުމުތަކުން ޕަލަސްތީނުގެ މައްސަލާގައި އަމަލުކުރާ ގޮތުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދައިދޭން ކުރާ މަސައްކަތް ފެއިލްވެއްޖެކަން ހާމަކުރައްވާ ރައީސް ވިދާޅުވީ ވީޓޯ ކުރުމުގެ ބާރުގެ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ސަބަބުން އިޒްރޭލަށް އަދަބު ނުދެވޭ ކަމަށެވެ.
”އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވާލަން ބޭނުންވަނީ، ހަތިޔާރު ފޯރުކޮށްދީފައި ސުލްހަ އަށް ގޮވާލެވޭނެ ގޮތެއް ނޯންނާނެ،“ ރައީސް ވިދާޅުވިއެވެ.



