އދގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ ދަށުން ބާއްވާ 29 ވަނަ ކޮންފަރަންސް އޮފް ދަ ޕާޓީޒް (ކޮޕް29) ގެ ވޯލްޑް ލީޑަރސް ކްލައިމެޓް އެކްޝަން ސަމިޓް ހުޅުވުމުގެ ސެޝަންގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވައިފިއެވެ.
މިހާރު ކުރިއަށްދާ ކޮޕް29 އަކީ މޫސުމީ ބަދަލުތަކާއި ވިލުންވެރިކަމުގެ މަސައްކަތާއި ދެމެހެއްޓެނިވި ތަރައްޤީގައި ރާއްޖެ ކުރަމުންދާ މަސައްކަތްތައް ދުނިޔެއާއި ހިއްސާކޮށް، ތަރައްޤީވަމުން އަންނަ ޖަޒީރާ ކުދި ޤައުމެއްގެ ޙައިސިއްޔަތުން ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް މަގުފަހިކޮށްދޭ ކޮންފަރެންސެކެވެ.
ތަރައްޤީވަމުން އަންނަ ޖަޒީރާ ކުދި ޤައުމުތައް ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ނޭޝަންސްއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯއްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ކޮންފަރެންސްގައިވެސް ކުރެވިގެންދާއިރު، މިއަހަރުގެ ޝިޢާރަކީ ”އިން ސޮލިޑަރިޓީ ފޮ އަ ގްރީން ވޯލްޑް“ އެވެ.
ހުސްވި އަހަރު ބާއްވާފައިވާ ކޮޕް28 ގައި ބައިވެރިވެވަޑައިގެން ރައީސް ވަނީ މޫސުމީ ބަދަލުތަކާއި ވިލުންވެރިކަމަށް ރާއްޖެއިން ކުރުމަށް ނިންމާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ފެށުމާއި ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިން ސައްތަ އަކީ އިޔާދަކުރުވަނިވި ހަކަތައިން އުފައްދާ ހަކަތައަށް ހެއްދެވުމަށް ރައީސް އެ ޖަލްސާގައި އިއުލާންކުރައްވާފައެވެ.
ކޮޕް29ގެ އެޖެންޑާގައި، އެންހޭންސްޑް ޓްރާންސްޕޭރެންސީ ނެޓްވަރކް ފުރިހަމަކުރުމަށާއި، ހުރިހާ މެންބަރުން ހިއްސާކުރާ މާލީ އައު ލަނޑުދަނޑިއެއް ކަނޑައެޅުމަށާއި، ބައިނަލްއަޤުވާމީގޮތުން އެއްބާރުލުންދިނުން އިތުރުކުރުމަށާއި، ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަންސް (އެން.ޑީ.ސީ) ތަރައްޤީކުރުމުގައި ހުރި ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރުމަށް ސަމާލުކަން ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
މިސެޝަންގެ ކުރިން ކޮންފަރެންސްގެ ބައިވެރިން ގްރޫޕް ފޮޓޯއެއް ނަންގަވާފައިވާއިރު ރައީސް ޑރ. މުޢިއްޒު ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުއެވެ. އެމަނިކުފާނުގެ ތަގުރީރުގައި ރާއްޖޭގެ މޫސުމީ ބަދަލުތަކުގެ ލަނޑުދަނޑިތަކާއި ވިލުންވެރިކަމުގެ އަމާޒުތަކަށް އަލިއަޅުއްވާލައްވާނެއެވެ.


