ސިފައިންނާއި ފުލުހުންގެ މެޑިކަލް ވެލްފެއާ ސްކީމް އުވާލަން ސަރުކާރުން ނިންމައިފިއެވެ.
މާލީ ވުޒާރާއިން އާއްމުކޮށްފައިވާ ”ދައުލަތުގެ ބެޖެޓު ޕޮރިޝަން ރިޕޯޓް 2025“ ގައި ބަޔާންކޮށްފައިވާ ގޮތުގައި ސަރުކާރުން ވަނީ ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް ޕްރައިވެޓް އިންޝުއަރެންސް ޕެކޭޖެއް ހަމަޖައްސައި ދައުލަތުން ހަރަދު ކުރަން ޖެހޭ މިންވަރު ކޮންޓްރޯލް ކުރަން ނިންމާފައެވެ.
އެވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ބަދަލު ގެންނަން ކަނޑައަޅާފައި ވަނީ ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް މެޑިކަލް ވެލްފެއާ ސްކީމުން ބޮޑު ހަރަދެއް ހިނގާތީވެއެވެ. އެހެންނަމަވެސް ޕްރައިވެޓް އިންޝުއަރެންސް ހަމަވުމަށްފަހު އާސަންދަ ނިޒާމުގެ ތެރެއިން ސިއްހީ ފަރުވާ ލިބޭނެ ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.
ފެށޭ އަހަރުގެ ކުރީ ކޮޅުގައި މިބަދަލު ގެންނަން ނިންމާފައިވާއިރު، ބަޖެޓުގައިވާ ގޮތުގައި މި އަހަރު އެކަނި ވެސް ސިފައިންނާއި ފުލުހުންގެ މެޑިކަލް ވެލްފެއާ ސްކީމަށް 322 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.



