ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އާ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ނާހިލް އަހުމަދު ސިއްދީގު އައްޔަންކުރަން ނޯމަލައިޒިން ކޮމިޓީން ނިންމައިފިއެވެ.
މިހާރު ސްޕޯޓްސް މިނިސްޓްރީގައި ވަޒީފާ އަދާކުރަމުން އަންނަ އުމުރުން 24 އަހަރުގެ ނާހިލް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އައްޔަނުކުރަން ނޯމަލައިޒިން ކޮމިޓީން ކަނޑައަޅާފައި ވަނީ އެމަގާމަށް ކުރިމަތިލި ފަރާތްތަކުގެ ވަނަވަރާއި ތައުލީމީ ތަޖުރިބާ އަދި އިންޓަވިއު އަށް ބެލުމަށްފަހު ކަމުގައި އެކޮމިޓީން ބުނެފައިވެއެވެ.
ނާހިލް ވަނީ ވެސްޓް އޮފް އިންގްލެންޑް ޔުނިވަސިޓީގެ ބިޒްނަސް މެނޭޖްމެންޓް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ފުރަތަމަ ޑިގްރީ އާއި މާސްޓާސް ޑިގްރީވެސް ހާސިލުކޮށްފައެވެ.
މީގެކުރިން ގައުމީ ޓީމަށް ފުޓްވޯޅަ ކުޅެފައިވާ ނާހިލް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން އޭނާ ވަނީ އެފްއޭއެމްގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓްގައި ވެސް މީގެ ކުރިން މަސައްކަތް ކޮށްފައެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު އެންމެ ފަހުން އަދާކޮށްފައި ވަނީ ޖައުޝަން ޝަރީފެވެ.



